ކަރަންޓްގެ ޚިދުމަތް ދިނުމަށް ސްޓެލްކޯ އަށް މާލޭ ސިޓީ ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ދައުވާ ކޮށްފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އިއްޔެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން އެދިފައި ވަނީ މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދޭން ޖެހޭ ޚިދުމަތްތައް މެދުކަނޑާލެވޭނެ ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯ އަށް ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލި ކަން ބަޔާންކޮށް ފޮނުވި ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ ބައެއް ތަންތަނަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ކޭބަލް ވަޅުލާން ޖެހޭތީ މަގުމަތި ކޮންނަން ޖެހޭ އިރު އެކަން ކުރެވެން އޮންނަނީ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ވިދާޅުވީ ކޭބަލް ވަޅުލުމަށް މަގު ކޮނުން ފަދަ ޚިދުމަތްތައް ސްޓެލްކޯ އަށް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް މިދޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން އަންގާފައި ވާތީ މަގު ކޮނެގެން ކަރަންޓް ދޭން ޖެހޭ ތަންތަނަށް ކަރަންޓް ދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަގު ކޮނުން ފަދަ ޚިދުމަތްތައް ސްޓެެލްކޯ އަށް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބިންތައް ސަރުކާރަށް ނެގުމާ ގުޅިގެން، އެ ބިންތަކަަށް ކަރަންޓް ދިނުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސާފައި އޮންނަ އުސޫލަށް ސްޓެލްކޯ އިން އަމަލު ކުރަމުން ގެންދާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ.