ކުރިއަށް މިއޮތް ގަރުނުގެ ތެރޭގައި ވެސް އަންނާނެ އެންމެ ރީތި ތާރީހު ކަމުގައިވާ 12-12-12ގައި 54 ކައިވެނި ރަޖިސްޓްރީކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުގެ ކައިވެންޏާ ބެހޭ އޮފިޝަލަކު ވިދާޅުވީ މިއަދު ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކައިވެނިތަކުގެ ތެރެއިން ބައެއް ކައިވެނި މިއަދު ކޯޓުގައި ކޮށްފައިވާ އިރު އަނެއް ބައި ކައިވެނިތައް ކުރުމަށް ހަމަޖެހިފައި ވަނީ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހާއްސަ ކޮށްފައިވާ ތަންތަނުގައި ކަމަށެވެ.

މި އަހަރު ތެރޭގައި ދެވަނަ އަށް އައި އެންމެ ރީތި ތާރީހު ކަމުގައިވާ 12-11-10 (10 ނޮވެމްބަރު 2012)ގައި 19 ކައިވެންޏެއް މާލޭގައި ވަނީކޮށްފަ އެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ރީތި ތާރީހުތަކަކީ ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރާ ދުވަހެކެވެ. ވަކިން ހާއްސަކޮށް އޭސިއާގެ ގައުމުތަކުގައި އެ ސަގާފަތް ވަނީ ބޮޑުވެފަ އެވެ. އެގޮތުން 12-12-12ގައި އޭސިއާގެ ބައެއް ގައުމުތަކުގައި އެތައް ސަތޭކަ ކައިވެންޏެއް އެއްފަހަރާ މިއަދު ވަނީކޮށްފަ އެވެ. ރާއްޖޭގައި މިހާތަނަށް ގިނަ ކައިވެނިތަކެއް ރީތި ތާރީހުތަކުގައި ކޮށްފައިވާ ކަމަށް ކޯޓުގެ ރިކޯޑްތަކުން ދައްކަ އެވެ.