އައްޑޫ ސިޓީގެ މަރަދޫން: އިސްމާއިލް ޝާކިރު އަދި އަހުމަދު ނާއިފް

އަޑިޔަށް ދިޔަ، "ހިތްވަރު ބޯޓު"ން ބެހުނު މީހުން ޑިންގީއެއްގައި އޮޔާދަނިކޮށް ސަލާމަތްކުރީ ސްރީލަންކާގެ މަސްބޯޓުގެ ފަޅުވެރިން ދިވެހިނަށް ވަޅިން ބިރުދައްކައި ފައިސާތަކެއް އަތުލި ކަމަށް އެ ބޯޓުގެ ކެޕްޓަން މިއަދު ބުނެފި އެވެ.

ބެހުނުތާ ނުވަ ދުވަސް ފަހުން ހިތްވަރު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ދިރިތިބި އަށް މީހުން ސަލާތްކުރީ ލަންކާގެ މަސްބޯޓެއް ކަމަށްވާ "ލަކިޝާ" އެވެ. އެ ބޯޓުގެ ފަޅުވެރިން ދިވެހިންނާ މެދު ކަންކުރި ގޮތުގެ "ހަގީގީ" ވާހަކަތައް ހުރީ މިހާތަނަށް ވެސް ފޮރުވިފަ އެވެ. އެންމެން ވެސް ހީކުރަނީ އެކަން ހިނގާފައި ވަނީ ވަރަށް އޮމާންކޮށް ރަނގަޅަށް ކަމަށެވެ. ނަމަވެސް މިއަދު މިރަށަށް އައިސް، ހިތްވަރު ބޯޓުގެ ހިތްވަރު ގަދަ ކައްޕިއާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން ފޮރުވިފައިވާ ހަގީގަތްތަކެއްގެ ކުރިފަޅައި ހާމަވި އެވެ.

ހިތްވަރު ބޯޓުގެ ކައްޕި އަބްދުﷲ ނަސްރު، 22، މިއަދު ބުނީ ދިވެހިންކަން އެނގުނު ހިސާބުން އެމީހުން ސަލާމަތްކުރި ލަންކާގެ މަސްބޯޓުގެ ފަޅުވެރިން އެމީހުންނާ މެދު ކަންތައްކުރީ ފުރަތަމަ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން ކާނާދީ އަވަސް ފަރުވާ ކޮށްދިން ކަމަށެވެ. އޭގެ ހަދިޔާއެއްގެ ގޮތުން ލަކިޝާގެ ކޮންމެ ފަޅުވެރިއަކަށް ދެ ޑޮލަރު އަދި ކެޕްޓަނަށް 30 ޑޮލަރު ދިން ކަމަށް ނަސްރު ބުންޏެވެ. އަދި ދިވެހި ކޯސްޓްގާޑާ މުއާމަލާތް ކުރުމަށް އެ މީހުންގެ އެދުމުގެ މަތިން "އޯގާ" ކިޔާ ލަންކާގެ މަސްބޯޓަކަށް އޭނާ އެރުވި ކަމަށް ވެސް ނަސްރު ބުންޏެވެ. އަދި އެބޯޓަށް އަރަން ޖެހެނީ ފަތާފައި ކަމަށް ވުމުން އަތުގައި ހުރި ފައިސާ ދިވެހި ފަޅުވެރިއަކާ ނަސްރު ހަވާލުކުރި އެވެ.

ނަސްރުބުނީ މަސައްކަތް ނިންމާފައި އެބުރި ލަކިޝާ އަށް އައިރު މަންޒަރު އޮތީ ބަދަލުވެފައި ކަމަށެވެ.

"އަހަރެމެންގެ ތެރެއިން ނިޔާވި، ބަގްލަދޭސް މީހާ ޝަހާބުއްދީން އަހަރުމެންގެ ފަޅުވެރިއަކަށް ހަވާލުކޮށްފައި ހުރި ފައިސާތަކެއް ހުރީ. އެކަން ލަކީޝާ ބޯޓުގެ މީހުންނަށް އެނގުނު. އަހަރެން އޯގާއަށް ދިޔުމުގެ ކުރިން އެ ފައިސާތައް ފޮރުވަން ބުނެފައި ދިޔައީ. ފަހުން ލަންކާ ބޯޓުގެ ފަޅުވެރިންނަށް އެނގިއްޖެ ރުފިޔާ އާއި ޑޮލަރު ވެސް އަހަރުމެންގެ މީހުން އަތުގައި ހުރިކަން. އެ ހިސާބުން އެ މީހުން އަހަރުމެންގެ މީހުންނަށް ވަޅިން ބިރުދައްކައި 120 ޑޮލަރު އަތުލީ. އެކަން އަހަންނަށް އިނގުނީ ފަހުން ލަކީޝާއަށް ދިޔުމުން. އެ ހިސާބުން [އަހަރެން] ވަރަށް ރުޅިއައި،" ނަސްރު ބުންޏެވެ.

އެހާ ހިސާބަށް ކަންތައްގޮސް، ފައިސާއާ ހެދި ހަމަނުޖެހުން ހިނގާ ހިސާބަށް ދިޔުމުން އަތުގައި ހުރި ބައެއް ފައިސާ ކަނޑަށް އުކާލި ކަމަށް ވެސް ނަސްރު ބުންޏެވެ. "ރުޅި އައިސްގެން ވަރަށް ގިނަ ފައިސާ އުކާލިން ކަނޑަށް،" ނަސްރު ބުންޏެވެ.

އެއަށް ފަހު އަނެއްކާ ވެސް އޯގާއަށް އެނބުރި ގޮސް ސެޓްގެ އެހީގައި ކޯސްޓްގާޑުގެ ސަމާލުކަމަށް އެކަން ގެނައިކަމަށެވެ. އަދި ހާސްކަމާއި ބިރުވެރިކަމުގެ ތެރެއިން އުންމީދު އާކޮށްދިނީ ކޯސްޓްގާޑުން ކަމަށް ވެސް ނަސްރު ބުންޏެވެ.

"އެ ހިސާބުން ކޯސްޓްގާޑުން ބުނީ ހާސްނުވާށޭ، އަހަރުމެން މިދަނީ ކަލޭމެންގެ ހިމާޔަތުގައި އެކަމަށް ތައްޔާރުވެގެންނޭ. ކޮންމެ ގޮތަކުން ވެސް ސަލާމަތްކުރާނަމޭ،" ހިތްވަރު ބޯޓުގައި މަސައްކަތްކުރާތާ ތިން އަހަރު ވެފައިވާ ނަސްރު ބުންޏެވެ.

އެ ވާހަކަތައް ކޯސްޓްގާޑަށް ކިޔައިދިންކަން ޝައްކުވެގެން "އޯގާ" ބޯޓުގައި އޭނާ ހިފެހެއްޓި ކަމަށް ވެސް ނަސްރު ބުންޏެވެ. އަދި ލަކިޝާ އަށް އެނބުރި ދާން އެދުމުން ވެސް ކޯސްގާޑް އަންނަން ދެން އެއްވެސް ދިމާލަކަށް ނުދެވޭނެ ކަމަށް އެ ބޯޓުން އެންގި ކަމަށް ވެސް ނަސްރު ބުންޏެވެ. އަދި ބުނީ އެންމެ ފަހުން އެ ބޯޓު ލަކީޝާއާ ދުރަށް ޖައްސައި މުއާމަލާތް ނުކުރެވޭ ގޮތް ވެސް ހެދި ކަމަށެވެ. "އެމީހުން ބުނި ކަލޭމެން ތިޔަ އުޅެނީ ކޯސްގާޑް ގެނެސް މި ބޯޓު ފައްތާލަން ވެގެންނޭ،" ނަސްރު ބުންޏެވެ. އަދި ލަކިޝާގައި ތިބި މަސްވެރިން ވަޅިތައް ނަގައި ތައްޔާރީހާލަތަށް ގެނައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ނަމަވެސް ކޯސްޓްގާޑުގައި އަހަރެން ނުބުނަން ވަޅި ހުރި ވާހަކައެއް. އެ ސަރަހައްދުގައި ސްރީލަންކާގެ މަސްބޯޓުތައް ވެސް އުޅޭނެތީ އޭގައި ދިވެހި ދަންނަ މީހުން ތިބެދާނެތީ ކޯސްގާޑާ ވާހަކަދެއްކީ ކޯޑުން. ކޯސްޓްގާޑުން ދިން ޖަވާބަކީ ތިބުނި އެތި އެނގިއްޖޭ. ބިރު ނުގަންނާށޭ،" ނަސްރު ބުންޏެވެ.

އެ މައްސަލަގަނޑުގައި ބޯޓުގެ އެހެން ފަޅުވެރިންނާ ނަސްރު ވަކިވާން ޖެހުނެވެ. ކޯސްޓްގާޑު ބަލައި އަންނަ ކަމަށާއި އެހެން އެކުވެރިންނާ އެކު އޭނާ ވެސް ލަކިޝާ ބޯޓުގައި ބަހައްޓައި ދިނުމަށް ވެސް ނަސްރު ކިތަންމެ ފަހަރަކު އެދުނެވެ. ނަމަވެސް އެކަމަށް އެ ބޯޓުން ދެކޮޅު ހަދައި އޭނާ އެކަހެރި ކުރި އެވެ.

"އަހަރެން މާޔޫސްވި ނުދެވިދާނެތީ. އެއީ އަހަރެން ބުނެފައި އޮންނާނީ ލަންކާ ބޯޓުކައިރި އަށޭ ކައިރި ކުރަންވީ. އަހަރެން ބޭނުންވީ ގިނަ ބަޔަކު ސަލާމަތްކުރަން. އަހަންނާ މެދު ނުވިސްނަން. އަހަރެން ވިސްނީ އެހެން މީހުންނާ މެދު،" ފެންކަޅިވެ އިނދެ ނަސްރު ބުންޏެވެ.

ނަމަވެސް ލަންކާގެ ބޯޓުން އެއްވެސް ދިވެއްސަކަށް ޖިސްމާނީ އަނިޔާއެއް ނުކުރާ ކަމަށް ވެސް ނަސްރު ބުންޏެވެ. އޭނާ ބުނީ ލަންކާގެ ބޯޓުން ބޭނުންވީ އެ މީހުން ދިވެހިންނަށް ކުރި ހަރަދުގެ ބަދަލު ހޯދަން ކަމަށެވެ. އެކަން ހާމަވީ އެ ބޯޓާއި ކޯސްޓްގާޑާ ދެމެދު ކުރެވުނު މަޝްވަރާތަކުންނެވެ. ނަސްރު ދޫކޮށްލައި ދިވެހިން އަތުން އަތުލި ފައިސާ ވެސް އަނބުރާ ހަވާލުކުރީ ކޯސްޓްގާޑުން އެ މީހުންނަށް ގިނަ އަދަދެއްގެ ޑީސަލާއި، ހަނޑޫ ހަކުރު އަދި ފުއްދިނުމުން ކަމަށެވެ.

"ކޯސްޓްގާޑް މަޑުކޮށްފައި ކޮއްތު [ކާނާގެ ބާވަތްތައް] ލަންކާ ބޯޓަށް އަރުވަން ފެށީމާ އެމީހުން ފަހުން ރަނގަޅުވީ. އަދި އަތުލި ލާރި ވެސް އަނބުރާދިން އަހަރެން ވެސް ދޫކޮށްލީ. އެމީހުން ބޭނުންވީ ހަރަދުގެ ބަދަލު،" ނަސްރު ބުންޏެވެ. "އަހަރުމެންނަށް އެމީހުން ކުރި ހަރަދަށް ވުރެ މާގިނައިން އެ މީހުންނަށް ތަކެތި ދިން،"

ކޯސްޓްގާޑަށް ލަންކާ މަސްބޯޓާ ހަމައަށް ދެވުނީ މާލޭން ފުރިތާ ދެ ދުވަސް ފަހުންނެވެ. އަދި ދިވެހިން ސަލާމަތްކޮށް 370 މޭލު ދުރުން ރާއްޖެ ގެނެސްފައި ވަނީ 10 ގަޑިއިރު ތެރޭގަ އެވެ. ރޭގެ ވަގުތެއްގައި އެ އެންމެން ވެސް ގެނައީ މި ސިޓީގެ ގަމު ބަނދަރަށެވެ. އަދި ރޭގެ ވަގުތެއްގައި އެންމެން ވެސް ހިތަދޫ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެންމެން ވެސް ވަނީ އާއިލާތަކާ ހަވާލުކޮށްފަ އެވެ. އެ އެންމެން ވެސް މިހާރު ވަނީ އާންމު ދިރިއުޅުމަށް އެނބުރިފަ އެވެ.

ބޯޓުގެ ކައްޕި، ނަސްރުގެ ވާހަކަތަކަށް އެމްއެންޑީއެފްގެ ކޮމެންޓެއް ލިބޭގޮތެއްނުވި އެވެ. އެމްއެންޑީއެފްގެ ސްޕޯސްޕާސަން ކާނަލް އަބްދުއްރަހީމްއަށް ގުޅާ ލުުމުން ވިދާޅުވީ؛ "އެފަދަ ކަމެއް [ލަންކާ ބޯޓަށް ކާތަކެއްޗާއި ތެޔޮދިނުން ފަދަކަމެއް] ހިނގާފައި އޮވެދާނެ" ކަމަށާއި އެ އޮޕަރޭޝަން ހިންގީ ލަންކާގެ ބޯޓުތަކުގެ ބައިވެރިވުމާ ވެސް އެކު ކަމަށެވެ. އަދި އެކަން ފަހުން ޔަގީންކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.