12 Dec 2012, 14:38
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާތީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ސިއްރު ވޯޓެއް ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް އިސްވެ ހުންނަވައިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ވަގުތީ އަމުރަކަށް އެދުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ވަހީދު ވިދާޅުވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ކުރީގެ މަދަނީ ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަކުން ދަރަންޏެއް ސާބިތުވެފައިވާ އިރު އެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާކަން ސިވިލް ކޯޓުން މި އަހަރު ކޮށްފައިވާ ހުކުމަކުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާތީ އެ ދެ ބޭފުޅުން ވޯޓުދެއްވައިގެން ފާސްކުރި އިސްލާހަކީ ގާނޫނާ އެއްގޮތް ވޯޓެއް ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ހާލަތެއް ފިޔަވައި މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް ސިއްރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނާތީ ވޯޓުތައް ސިއްރުކުރަން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު މަޖިލީހުގެ ޖަލްސާ އިން ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޖުމްހޫރީ ޕާޓީ އާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ވޯޓް ދެއްވި އެވެ.
ވޯޓް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.
އެމްޑީޕީގެ މެންބަރުންނާ އެކު ވޯޓް ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވޯޓުދެއްވީ ވޯޓު ސިއްރު ކުރުމަށެވެ.