ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އިން އަލަށް ފަށާ ބެޗްލާ އޮފް ސައިންސް އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން މިއަދު ބުނީ ލޯ އެންފޯސްމަންޓް ދާއިރާ އިން ކުރިއަށް ދިޔުމަށް ބޭނުންވާ ފުލުހުންގެ އިތުރުން ކަސްޓަމާއި އިމިގްރޭޝަނާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ޑިފެންސް ފޯސް އާއި ޕޯޓްސް އޮތޯރިޓީ އާއި އެއާޕޯޓް ސެކިއުރިޓީ އާއި ޕްރައިވެޓް ސެކިއުރިޓީ ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ އެ ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ އޭލެވެލް ދެ މާއްދާ އިން ފާސްވެފައިވުން ނުވަތަ ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ދާއިރާ އާ ގުޅޭ ގޮތުން ޑިޕްލޮމާ ފެންވަރުގެ ޓްރެއިނިން އެއް ފުރިހަމަކޮށްފައިވުން ނުވަތަ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ދާއިރާއާ ގުޅޭ ގޮތުން ސެޓްފިކެޓް ލެވެލް ތިނެއްގެ ޓްރޭނިންއެއް ހަދާފައި ވުމެވެ. ނުވަތަ އުމުރުން 20 އަހަރު ފުރިފައިވުމާ އެކު އޯލެވެލް އެއް މާއްދާއިން ފާސްވުމާ އެކު އެއް އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.

އަންނަ އަހަރުގެ ފެބުރުއަރީ މަސް ތެރޭ ފަށާ އެ ކޯހަށް ވަނުމަށް ބޭނުންވާ ފަރާތްތައް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 27 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށް ފުލުހުން ބުނެ އެވެ. މި ފޯމްތަކާއި ލިޔެކިޔުންތައް ހުށަހަޅާނީ އިސްކަންދަރު ބިލްޑިންގްގައި ހުންނަ އިންސިސިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޓީޒް އަށެވެ.

ފުލުހުން ބުނީ ކޯހަށް ވަނުމަށް އެދޭފޯމު އައިލްސް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.