ސާޅީސް ހަތަރު ވަނަ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2012، އަންހެން ޑިވިޒަންގެ ފައިނަލު މެޗުގެ ފުރަތަމަ ޖާގަ ޕޮލިސް ކުލަބް ކަށަވަރު ކޮށްފި އެވެ.

ނޮވެމްބަރު ތިނަކުން މި މަހު ތޭރައިގެ ނިޔަލަށް ހއ. އިހަވަންދޫގައި ކުރިއަށް ގެންދާ ގައުމީ ވޮލީ މުބާރާތުގެ އަންހެނުންގެ ޑިވިޒަންގެ ފުރަތަމަ ސެމީ ފައިނަލު މެޗުގައި ޕޮލިސް ކުލަބާ ވާދަ ކުރީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އެވެ. މި މެޗު ޕޮލިސް ކުލަބް ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ (ކުއީން އޮފްދަ މެޗު)ގެ މަގާމް ލިބުނީ ޕޮލިސް ކުލަބުގެ ޖާޒީ ނަންބަރު ފަހެއް އަބްރަހަމް މިނިމޯލް އަށެވެ.

އިއްޔެ ކުޅެވުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރީ މުރައިދޫ އެކުވެރިންގެ ރޫހާއި ކުލަބު ޕޯލް ސްޓާ އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޕޯލް ސްޓާ ވަނީ މުބާރާތުގެ ތިން ވަނަ ސެމީފައިނަލުން ޖާގައެއް ހޯދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޯލް ސްޓާގެ ޖާޒީ ނަންބަރު ބާރަ އެރީކާ އެންޑަސަން އެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ފަނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީގައި ބަލިވާ ޓީމާއި ދެ ވަނަ ސެމީއިން މޮޅުވާ ޓީމު ވާދަކޮށް ކުޅޭ ތިން ވަނަ ސެމީއިން މޮޅުވާ ޓީމަކަށެވެ. އަދި ތިންވަނަ ސެމީގައި ބަލިވާ ޓީމު ދާނީ މުޅި މުބާރާތުގެ ތިންވަނަ އަށެވެ.

ޖުމުލަ ހަތް ޓީމު ވާދަކުރާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ކުލަބް ޕޯލް ސްޓާ، ޕޮލިސް ކުލަބު، އިހަވަންދޫ މަސްވެރިންގެ ގުޅުން، މުރައިދޫ އެކުވެރިންގެ ރޫހު، ކުލަބު ހުވާސް، ފިނޭ އެކަތަ ޖަމިއްޔާ އަދި ވިދާ ޖަމިއްޔާ އެވެ.

މުބާރާތުގެ ފައިނަލު މެޗުގައި ޕޮލިސް ކުލަބާ ވާދަ ކުރާނީ މިއަދު ހަވީރު ޕޯލް ސްޓާ އާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ.