ދިރާގުން ކުރިއަށް ގެންދިޔަ "ރިޗާޖް އެންޑް ވިން" ޕްރޮމޯޝަންގެ ތިން ލައްކަ ރުފިޔާ ކ. ދިއްފުށި ކެޔޮޅަކަށް ލިބިއްޖެ އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި 300،000ރ.ގެ ފައިސާގެ އިނާމް ލިބުނު ދިއްފުށި މާތިލަ، އަބުދުލްހަކީމް އަބުދުއްރަހީމާ އިނާމު ހަވާލުކޮށްދިނީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަނުގެ ފައިސާގެ އިނާމު ލިބުނު ކެޔޮޅު، އަބުދުއްހަކީމް ބުނީ އޭނާ އަށް 300،000ރ.ގެ އިނާމް ލިބުނުކަން އެނގުނީ މީގެ ދުވަސްކޮޅެއް ކުރިން މަހަށް ނުކުމެ އުޅެފައި ވަރުބަލިވެގެން ނިދާފައި އޮއްވައި އާއިލާ ކުއްޖެއްގެ ފަރާތުން ކަމަށެވެ. އަދި އޭރު ފޯނަށް ގިނަ ބަޔަކު ގުޅާއި މަރުހަބާގެ މެސެޖްތައް ކޮށްފައި ހުރި ކަމަށް ވެސް އަބުދުލްހަކީމް ބުންޏެވެ. އަދި އެ އުފާވެރި ހަބަރު ލިބުނު ރޭ ލޮލަށް ނިދިވެސް ނައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އެކަން ޔަގީން ކުރަން ދިރާގަށް ވެސް ގުޅިން. ގުޅީމާ ދިރާގުން ވެސް ބުނީ އަޅުގަނޑަށޭ އިނާމް ލިބުނީ. އެވަގުތު ވަރަށް އުފާވި،" އަބުދުލްހަކީމް ބުންޏެވެ.

މަސްވެރިކަމުން އާމްދަނީ ހޯދަމުން އަންނަތާ 18 އަހަރުވެފައިވާ އަބުދުލްހަކީމަށް ކުއްލި އަކަށް ލިބުނު ފައިސާ ހަރަދު ކުރާނީ ދިއްފުށީގައި ދިރިއުޅޭ އޭނާގެ ތިން ދަރިންނާއި އާއިލާ އަށް ކަމަށް އަބުދުލްހަކީމް ބުންޏެވެ. އޭނާ ބުނީ ލިބޭ ލާރިން ކިރިޔާ ދެކޮޅު ޖައްސައިގެން ދިރިއުޅެމުން އައި އާއިލާ އަށް އެ ފައިސާ ލިބުމުން ވަރަށް އުފާވާ ކަމަށާއި މިއީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ވެސް މިފަދަ އިނާމެއް ލިބުނީތީ ﷲ ޝުކުރު ކުރަން. އަޅުގަނޑު ބުނާނީ އިރާދަފުޅުން އަޅުގަނޑުގެ ކުދިން ބަލާނެ ނަސީބެކޭ މިލިބުނީ ކުޅަދުންވަންތަ ކަމުން. އަޅުގަނޑު ބުނާނީ ދިރާގަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ،" އަބުދުލްހަކީމް ބުންޏެވެ.

ކިރިޔާ ދިރިއުޅެވޭ ވަރަށް މަސްވެރިކަމުން އާމްދަނީ ލިބޭ އަބުދުލްހަކީމްގެ އަންހެނުންގެ އެދުމުގެ މަތިން އެ ޕްރޮމޯޝަންގައި ބައިވެރިވީ 300،000ރ. ލިބިދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށް އަބުދުލްހަކީމް ބުންޏެވެ.

މިދިޔަ އޯގަސްޓް 22 އިން ނޮވެމްބަރު 22ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕޮރޮމޯޝަންގައި 300ރ.ގެ ރީލޯޑް ކުރުމުން 300،000 ރުފިޔާ ލިބުމުގެ އިތުރުން އެ މުއްދަތުގައި ކޮންމެ ހަފްތާއަކު 30ރ.ގެ ރީޗާޖް ކޮށްގެން "ސެމްސަންގް ގެލެކްސީ އެސްތުރީ" ފޯނެއް ވެސް ވަނީ ދިރާގުން ދީފަ އެވެ. ދިރާގުން ބުނީ 13 ހަފްތާވަންދެން ކުރިއަށްގެންދިޔަ އެ ޕްރޮޕޯޝަންގައި 11 ހަފްތާގައި ސެމްސަންގް ގެލެކްސީ އެސްތުރީ ފޯނުގެ ނަސީބުވެރިންނަކީ ދިވެހިން ކަމަށެވެ.