އަރައިރުންވުމާއި މައްސަލަތައް ފެންމަތިވެގެން ނުބޭއްވި ދިގުލަމުން ދިޔަ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ، ރޭ ބޭއްވުމުން ވެސް ޖަލްސާ ހޫނުވެފައި ވަނިކޮށް އެއިން ކަމަކަށް ބެލުމެއް ނެތި ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލުމަށް ވޯޓު ނަގައި، މިދިއަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ ފައިދާ ނުބަހާ ގޮތަށް ނިންމައިފި އެވެ.


އިމާދުއްދީން ސްކޫލްގައި ރޭ ބޭއްވި އަހަރީ އާންމު ޖަލްސާ ފެށުމާއެކު ފުރަތަމަ ވެސް ފެނުނީ ހިޔާލުތައް ތަފާތުވެ އަރައިރުންތައް ފެށުނުތަނެވެ. ޗެއާމަން ބަންދު އިބުރާހިމް ސަލީމް ޖަލްސާ ކުރިޔަށް ގެންދަވަނީ "ހުދުމުތާރު" ގޮތަކަށް ކަމަށް ބުނެ ހިއްސާދާރުން އަޑު ހަރުކޮށް، ބައެއް ވަގުތުތަކުގައި ރިޔާސަތަށް އެކަށީގެން ނުވާފަދަ ބަސްތައް ވެސް ރައްދުކޮށްފައި ވެއެވެ.


އެންމެ ބޮޑަށް ޖަލްސާ ހޫނުވެ އަރައިރުންތައް ފެށުނީ ސަރުކާރު ތަމްސީލު ކުރުމަށް ވަޑައިގެންނެވި  ހިއްސާދަރަކު ބޯޑްގެ އާންމު ޑިރެކްޓަރުން އެކުލަވައިލުމުގައި ވޯޓުލާން ފެންނަނީ ސިއްރު ވޯޓެއްލައިގެން ކަމަށް ވިދާޅުވުމުން ރިޔާސަތުން ކުއްލި ގޮތަކަށް މުގުރު ޖައްސަވައި އެގޮތަށް ނިންމެވުމުންނެވެ. އެއާއެކު ވޯޓުލާން ފެށުމުން ޖަލްސާ ހޫނުވެ އާންމު ހިއްސާދާރުންނާއި އާންމުން ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުން ހަޅޭއްލަވަން ފެށި އެވެ. ޖަލްސާ ގެންދަނީ ގަވައިދާއި އަދި ޖަލްސާ ގެންދިއުމަށް ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނާ ހިލާފަށް ކަމަށާއި ހެރެތެރެއާ ބެހޭ ގޮތުން ހިއްސާދާރުންނަށް ދީފައި ވަނީ ދޮގު މައުލޫމާތުތައް ކަމަށް ބުނެ ވެސް ވަނީ އަޑު ހަރުކޮށްފަ އެވެ. ބައެއް ހިއްސާދާރުން ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައެވެ.


"ކަލެކްޓިވްކޮށް ވިޔަސް އަދި ވަކިވަކިން ނަމަވެސް މި މައްސަލަ ކޯޓަށް ގެންދާނަން." ހިއްސާދާރެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް ދީދީ (ކޭޑީ) ވިދާޅުވި އެވެ.


މުޅި ޖަލްސާގައި ވެސް އެންމެ ބޮޑު މައްސަލައަކަށްވީ ބޯޑުން އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުން ހޮވުމަށް ސިއްރު ވޯޓަކަށް ދިއުމެވެ. އެހިސާބުން ހާޒިރުވި ގިނަ ބަޔަކު ގޮނޑިތައް ދޫކޮށްލައި ހަޅޭއްލަވައި ހެދި އިރު ބައެއް ހިއްސާދާރުން ޗެއާމަންގެ އިސްތިއުފާއަށް ގޮވައި ވޯޓު ކަރުދަހާއި އެހެން ބައެއް ލިޔުންތައް ވީދާ ހެދި އެވެ. ގިނަ ހިއްސާދާރުން ވޯޓުގަ ބައިވެރި ނުވެ ބޭރަށް ނުކުތީ އެވެ. މަގުމައްޗަށް ނުކުތް ބައެއް ހިއްސާދާރުން ރިޔާސަތަށް އެއްޗެތި ގޮވައި ކުންފުނީގެ އަހަރީ ރިޕޯޓު މަގުމައްޗަށް އެއްލާލައިފައި ވެއެވެ.


ރޭގެ ޖަލްސާގައި ވޯޓުގެ މައްސަލައާ އެއްވަރަށް މިދިއަ އަހަރުގެ ފަހު ހަ މަސް ދުވަހުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ބޯޑުން ކަނޑައަޅާފައިވާ ފަސް ރުފިޔާގެ ޑިވިޑެންޑް ބެހުމާމެދު ވެސް ހިޔާލުތައް ކަފިވެ ބޮޑު އަރައިރުމަކަށް ބަދަލުވި އެވެ. މައްސަލަ ދިމާވީ ޗެއާންމަން އިބްރާހީމް ސަލީމް ރިޔާސަތުގައި އިންނަވައި ދެ ގޮތަކަށް ވާހަކަ ދެއްކެވުމުން ހިއްސާދާރުން އެކަމާ ދެކޮޅު ހަދައި ހަޅޭއްލަވައި އަޑު ހަރުކޮށް ސުވާލުތައް ފެންމަތި ކުރަން ފެށުމުންނެވެ.


މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު 20ރ. ހިއްސާއަކަށް ބެހުމަށް ފަހު އަހަރުގެ ދެ ވަނަ ބައިގައި ފަސް ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާ ކަމަށް އިއުލާނު ކުރުމުން ބައެއް ހިއްސާދާރުން ހުށަހެޅީ ފަސް ރުފިޔާ ނުބެހުމަށެވެ. ބައެއް ފަރާތްތަކުން 10 ރ. ބެހުމަށް ހުށަހެޅި އިރު އަނެއް ބަޔަކު 20ރ. ބެހުމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މި މައްސަލައިގަ ހިޔާލު ތަފާތުވުންތައް ބޮޑުވެ ރިޔާސަތުން ދެ ގޮތަކަށް ވާހަކަ ދެއްކެވުމުން ހިއްސާދާރުން ރިޔާސަތަށް ނުރުހުން ފާޅު ކުރަމުން ދިޔައެވެ. އެހެންމެ ފަހުން ފަސް ރުފިޔާ ބަހަން ފެނޭތޯ ބެލުމަށް ދެ ފަހަރު މަތިން ވޯޓު ނަގައިގެން ވެސް ފާސްވީ ފަސް ރުފިޔާ ބަހަން ނުފެންނަ ކަމަށެވެ. މައްސަލަ ހޫނު ވުމުން ސަލީމް ވިދާޅުވީ ޖަލްސާއަށް ހުށަހެޅުނު އެހެން ހިޔާލުތައް ބޯޑަށް ގެންދަވާނެ ކަމަށާއި ގާނޫނީ ލަފަޔަކީ ވެސް އެއީ ކަމަށެވެ.


ރޭ ނެގި ވޯޓުގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އަށް ބޭފުޅަކު ކުރިމަތިލިއެވެ. މައްސަލަ ޖެހި ބޮޑެތި އަރައިރުންތައްވި ވޯޓުގައި އެންމެ ގިނަ ވޯޓު ލިބިގެން ބޯޑަށް ހޮވި ވަޑައިގަތީ މުހައްމަދު ޝަމްހީދާއި މުހައްމަދު ސައީދާއި މުހައްމަދު އަޒުމަތާއި އަހުމަދު ޝަމީމާއި އިސްލާއިލް ހަމީދެވެ.  ބޯޑުން ވަކިވީ އަހުމަދު ޝަރީފާއި އިބްރާހިމް ތޯރިގެވެ.


ކުރިން ވެސް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު މިފަހަރު ސަރުކާރުގެ ހިއްސާ ތަމްސީލު ކުރުމަށް ބޯޑަށް އައްޔަން ކޮށްފައިވެއެވެ. އެއީ އިބްރާހިމް ސަލީމާއި މުހައްމަދު މިހާދާއި އިބްރާހިމް ޔާސިރެވެ.