ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އާންމުންގެ ތެރެއިން ހޮއްވަވާފައިވާ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފު އެލްޖީއޭ ބޯޑަށް ހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ ނިންމައިފި އެވެ.

އެލްޖީއޭ އަށް އާންމުންގެ ތެރެއިން ކުރިން ހޮއްވަވާފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ މެންބަރު މުހައްމަދު ޒާހިދެވެ. ޒާހިދު މިހާރު ހުންނަ ވަނީ ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މިނިސްޓްރީގެ ނައިބަކަށެވެ. ޒާހިދު ވަނީ އެލްޖީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އެލްޖީއޭ ބޯޑަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމުގައި ކޮމެޓީން ބައްލަވާފައި ވަނީ އެ ބޭފުޅެއްގެ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕާއި އިންޓެގްރިޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމަށެވެ.

އެ ކަންތައްތަކަށް ބެލުމަށް ފަހު ކޮމެޓީގެ މެންބަރުން ނަޒީފަށް 95.3 ޕަސެންޓް މާކްސް ދެއްވި އެވެ. ނަޒީފުގެ އިތުރުން އެލްޖީއޭ ބޯޑަށް ދެން ކުރިމަތިލެއްވީ ދެ ބޭފުޅުންނަކީ ގދ. ރަތަފަންދޫ ފިނިފެންމާގޭ ޝުޖާއު ހުސައިން އާއި ދަފްތަރު ނަންބަރު 1890 އަހްމަދު ނަޝީދު ހުސައިން އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޝުޖާއުއަށް ލިބިވަޑައިގެންނެވީ 84.5 މާކްސް އެވެ. އަހުމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 33.7 ޕަސެންޓް މާކްސް އެވެ.

އެމްޑީޕީ ޗެއާޕާސަން ރީކޯ މޫސާ މަނިކު މުގައްރިރުކަން ކުރައްވާ އަދި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީންގެ ތާއިދު ލިބިވަޑައިގެންނެވި ނަޒީފު އެލްޖީއޭ ބޯޑަށް އައްޔަން ކުރާނީ އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ތަޅުމުގައި ނަގާ ވޯޓްގެ އަޣުލަބިއްޔަތު އޭނާ އަށް ލިބިގެންނެވެ. އޭނާގެ އިތުރުން ޝުޖާއު ހުސައިންގެ ނަން ވެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހަޅަނީ އިންޓަވިއު ކުރި ބޭފުޅުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ އެ ދެ ބޭފުޅުން ކަމަށްވާތީ އެވެ.

އެލްޖީއޭ ބޯޑް އެކުލެވިގެންވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. އެއީ ހޯމް މިނިސްޓަރާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރަކާއި ހަތަރު އަތޮޅު ކައުންސިލަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އާންމުންގެ ތެރެއިން މީހަކާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރެއްގެ މައްޗަށެވެ.