ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އެ ކޮމިޝަނަށް މެންބަރަކު އައްޔަން ނުކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ މަގާމުން ވަކިކުރުމާ ގުޅިގެން ފަހުމީ އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ފަހުމީ ހުށަހަޅާފައިވާ އެ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ. އަދި އެ އަމުރު ކޮށްފައި ވަނީ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ކަމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ފަހުމީ ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރެއްވި ކަމުގެ ތުހުމަތުގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރަން ވޯޓް ދިނީ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވި 72 މެންބަރުންގެ 38 މެންބަރުންނެވެ. އަދި ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 32 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

ފަހުމީ މަގާމުން ވަކިކުރުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީ އާއި ޑީއާރްޕީގެ ބައެއް މެންބަރުން ހިމެނެ އެވެ.