12 Dec 2012, 12:39
ނ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ، ބޮޑެތި ގެއްްލުންތަކެއްވެފައިވާ ކަމަށް އެ އަތޮޅުން ބުނެފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރޭ 10 ޖަހާ އެހާކަށް އިރު ވެހެން ފެށި ވާރޭ މެދުނުކެނޑި ފަތިސް ވަންދެން ވެހުނު ކަމަށް އެ އަތޮޅު ކައުންސިލްގެ އިދާރާ އިން ބުންޏެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ނ. އަތޮޅު ކައުންސިލްގެ އިދާރާގެ ނައިބް ރައީސް އަހުމަދު އަލި މަނިކު މިއަދު ވިދާޅުވީ ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އަތޮޅުގެ ތިން ރަށެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންމަ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއްވީ އެ އަތޮޅު ހޮޅުދު އަށް ކަމަށާއި ގުގުރިއެއް ޖަހައި ރަށުން ކަރަންޓް ކެނޑުމުގެ ސަބަބުން ގެއްލުންތަކެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ބޯކޮށް ވާރޭ ވެހި ގެއްލުންތަކެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ރަށްތަކަކީ ނ. މިލަދޫ އާއި ނ. ހޮޅުދު އާއި ނ. މާޅެންދު އަށް ކަމަށެވެ.
"ނ. އަތޮޅުގެ ރަށްތަކަށް ރޭ ވަރަށް ބޯކޮށް ވާރޭ ވެހުނު. އެ ވެހުނު ވާރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި އަދި ބޯކޮށް ވާރޭ ވެހުނީ ނ. މިލަދޫ، ނ. ހޮޅުދޫ، އަދި ނ. މާޅެންދުއަށް. އޭގެ ތެރެއިން ވެސް ހޮޅުދުއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނީ. އެއީ ޖެހި ގުގުރިއެއްގައި ކަރަންޓް ވިއުގަ އެއްކޮށް ގޮސް މުޅި ރަށުން ރޭ ވަނީ ކަރަންޓް ގޮސްފައި. ގާތްގަނޑަކަށް ދަންވަރު 1.30 އެހާކަންހާއިރު ޖެހި ގުގިރިއެއްގައި މުޅި އެ ރަށުން ވަނީ ކަރަންޓް ކެނޑިފައި." އަލި މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮޅުދޫގެ އިންޖީނު ގޭގައި މުޅި ޖުމްލަ ބޭނުން ކުރަމުން ދަނީ ތިން އިންޖީނު ކަމަށާއި އެހެން ނަމަވެސް މިހާރު ދެ އިންޖީނު ވަނީ އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. އެހެން ކަމުން ފަތިހުން ފެށިގެން ރަށަށް ކަރަންޓް ދެމުން ގެންދަނީ އެއް އިންޖީނު ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ރޭ ވެހުނު ވާރޭގައި ވަރަށް ގިނަ ގޭގެ އަށް ފެންވަދެ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރަށްތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް މިހާރު ރަށު ކައުންސިލްތަކަށް ގުޅައިގެން ހޯދަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެމްއެންޑީއެފް އާއި ފުލުހުންގެ އެހީތެރިކަމާ އެކު ރަށްރަށުގެ ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަމުގައި ރަށުގެ ރަށްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.