12 Dec 2012, 12:28
ޓޫރިޒަމް ދާއިރާގައި ރާއްޖެ އިޝްތިހާރުކުރުމަށް "ސަނީ ސައިޑް އިން ފްރޭމް"ގެ ނަމުގައި ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބުނީ، ކުރިން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް މިހާރު އެ މުއްދަތު މިއަންނަ އަހަރުގެ ޖޫން މަހުގެ 25ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ މުއްދަތު އިތުރުކޮށްފައި ވަނީ ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެމްއެމްޕީއާރްސީ އިން ބުނީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިންނަށް ކަމަށެވެ.
ރާއްޖޭގެ ރީތިކަން ދައްކުވައިދޭ 20 ކެޓަގަރީން ފޮޓޯ ނެގުމަށް ހަމަޖައްސާ އެ މުބާރާތުގައި 250،000ރ.ގެ ފައިސާ އިނާމު ވަނީ ހުށައަޅައިފަ އެވެ. އެގޮތުން އެއް ވަނައަށްދާ ފަރާތަކަށް 50،000 ރުފިޔާ ކަނޑައަޅާފައިވާ އިރު ދެވަނައަށްދާ ފަރާތަކަށް 30،000 ރުފިޔާ އަދި ތިން ވަނައަށްދާ ފަރާތަކަށް 20،000 ރުފިޔާ ވަނީ ހުށައަޅައިފަ އެވެ.