ފުލުހުންގެ ޑައިވިން ޓީމަކުން އިއްޔެ ކާމިޔާބް ޑައިވިންއެއްކޮށް މިހާރު ހިނގަމުންދާ މައްސަލައަކަށް ހެކި ހޯދާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު އިއްޔެ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕޮލިސް ޑައިވިން ޓީމަކުން އިއްޔެ ކާމިޔާބް ޑައިވިނެއްކޮށް މިހާރު ހިނގަމުންދާ ހާއްސަ މައްސަލައެއްގެ ހެކިތަކެއް ހޯދާފައިވާ ކަމަށާއި އެ ޑައިވުގެ ސަބަބުން ހަނދާނަށް އަންނަނީ ސަލްޓަން ޕާކްގެ ބޮންގޮއްވާލި ކޭސްގައި ހެކި ހޯދުމަށް ކުރި ޑައިވިންތައް ކަމަށެވެ.

އެ ޓުވީޓްގައި އެޑައިވިންއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ދީފައިނުވާ އިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ބެހޭ އިތުރުއެއް ވެސް މައުލޫމާތެއް މިހާރު ދެވެންނެތް ކަމަށެވެ.

ކޮމިޝަނަރު ކުރެއްވި ޓުވީޓްގައި މިހާރު ބަލަމުންދާ ހާއްސަ މައްސަލައެއް ކަމަށް ވިދާޅުވެފައިވާ އިރު މިހާރު ފުލުހުން އެންމެ ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކަށް ހިމެނެނީ ރައްޔިތުންމަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައެވެ. އެގޮތުން އެ މައްސަލާގައި އެންމެ ފަހުން ފުލުހުން ހާމަ ކުރި މައުލޫމާތް ތެރޭގައި ކޮމިޝަނަރު ވިދާޅުވީ އަފުރާޝީމް އަވަހާރަކޮށްލާފައި ވަނީ ސިޔާސީ މަގުސަދެއްގައި ބަޔަކަށް ފައިސާ ދީގެންކަމަށެވެ. އަދި މިހާރު ފުލުހުން ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ ޕީޖީއަށް ވެސް ފޮނުވާފަ އެވެ.

ސަލްޓަން ޕާކް ބޮމުގެ މައްސަލަ ތަހުގީގު ކުރި އިރު ފުލުހުން ވަނީ ހުޅުލޭ ފަޅަށް ޑައިވްކޮށް މޯބައިލް ފޯނެއްގެ ބިންދާލާފައިވާ ސިމްކޮޅެއް ނަގައިފަ އެވެ.