12 Dec 2012, 11:02
ފަހުން ފައިސާ ދައްކާ ގޮތަށް ރިޗާޖުކޮށްދޭ ހިދުމަތެއް ވަތަނިއްޔާ އިން ތައާރަފްކޮށްފި އެވެ.
ވަތަނިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަތަނިއްޔާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހްމަދު ޒަރީރު ވިދާޅުވީ "އެމަޖެންސީ ކުރެޑިޓް" ނަމުގައި ތައާރަފްކުރި އެ ހިދުމަތުގެ ސަބަބުން ވަތަނިއްޔާގެ ޕްރިމެއިޑް ކަސްޓަމަރުންގެ ތެރެއިން ހަ މަސް ދުވަހު ވަތަނިއްޔާގެ ހިދުމަތް ހޯދާފައިވާ ކަސްޓަމަރުނަށް ފަހުން ދައްކާ ގޮތަށް 100ރ. އާ ހަމައަށް ކުރެޑިޓް ލިބޭނެ ކަމަށާއި އެ ގޮތުން ކުރެޑިޓް ހޯދުމަށް #140* އަށް ގުޅުމުން އެހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުންނަށް ދިމާވާ ގޮތެއް މިއީ ފޯނުގެ ހިދުމަތް ބޭނުންކުރަމުންދަނިކޮށް ފޯނުން ކުރެޑިޓް ހުސްވެގެން ފޯނުނުކުރެވުން. އަޅުގަނޑުމެންގެ އެމެޖެންސީ ކުރެޑިޓްގައި އެގޮތަށް ކުރެޑިޓް ހުސްވީމާ ވަގުތުން ވަތަނިއްޔާ އިން #140*އަށް ހުޅާލުމުން އެބޭފުޅުނަށް އެމެޖެންސީކޮށް ކުރެޑިޓް ލިބިގެންދާނެ" ޒަރީރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެފަރާތަކުން ކުރެޑިޓަށް ނަގާ ފައިސާ 72 ގަޑިއިރުގެ ތެރޭގައި ދައްކަވަން ޖެހޭނެ ކަމަށާއި އެގޮތުން އެފަރާތަކުން ރީޗާޖް ކުރެއްވުމުން އެއިގެން ކަޑާނެ ކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އެހިދުމަތް ލިބޭނެކަމަށް ޒަރީރު ވިދާޅުވި އެވެ.
ވަތަނިއްޔާ އިން ކްރެޑިޓަށް ބެލެންސް ލިބޭ ސުކީމެއް ރާއްޖެ އަށް އަލަށް ތައާރަފްކޮށްފައިވާ އިރު އެކުންފުނިން މީގެ ކުރިން ވެސް ވަނީ ތަފާތް ޕްރޮމޯޝަންތަކާއި ހިދުމަތްތަށް ވެސް ތައާރަފްކޮށްފަ އެވެ.