12 Dec 2012, 10:55
މުސްތަގުބަލު އޮތީ އެވަޓަން އާ އެކުގައި ކަމަށް ބެލްޖިއަމްގެ މަޝްހޫރު ފުޓްބޯޅަ ތަރި މަރޫއާން ފެލައިނީ، 25، ބުނެފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ފެލައިނީ ބުނެފައި ވަނީ އޭނާ ގުޑިސަން ޕާކުގައި މަޑުކުރާނީ އެވަޓަން ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި ޗެމްޕިއަންސް ލީގު ފަދަ ޔޫރަޕުގެ ބޮޑެތި މުބާރާތްތަކުން ޖާގަ ހޯދާ ނަމަ އެވެ.
އެހެން ނަމަވެސް ފެލައިނީ ދަ ސަން އަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ "އަހަރެންގެ ވިސްނުމުގައި އޮތީ ހަމަ އެކަނި އެވަޓަން. މީހުން ދައްކާ ތޯތޯ ވާހަކަ ތަކާ ދޭތެރޭ އަހަރެން އެއްޗެއް ބުނާކަށް ނެތިން" ކަމަ ށެވެ. "އަހަރެން މިހާރު ކުޅެމުން މިދާ ފެންވަރާ ދޭތެރޭ ވަރަށް އުފާވޭ. އަހަރެންގެ މުސްތަގުބަލު އޮތީ އެވަޓަން އާ އެކު" އޭނާ ބުންޏެވެ.
އާދީއްތަ ދުވަހު ޕާކުގައި ކުޅުނު ލީގު މެޗުން ދޭއް އެކަކުން ޓޮޓްންހަމް ހޮޓްސްޕާސް ބަލިކުރުމަށް ފަހު އެވަޓަން މިވަގުތު އޮތީ 26 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ފެލައިނީ ހޯދުމަށް އިނގިރޭސި ލީގުގެ މަންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުން ރަޝިޔާގެ ޒެނިތު އެސްޓީ ޕީޓާސްބާގް އިން ވެސް ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. އަދި 25 އަހަރުގެ ބެލްޖިއަމް ތަރި ޖެނުއަރީ ޓްރާންސްފާގައި ގެންދިއުމަށް 30 ހާސް ޕައުންޑު ހުށަހެޅުމަށް ޗެލްސީ އިން ތައްޔާރުވަމުން ދާކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.
އެހެން ކަމާއެކު ފެލައިނީ އެވެޓަން ދޫނުކުރާނެ ކަމަށް ބުނުމުން އޭނާ ހޯދަން މަސައްކަތް ކުރަމުންދާ ޓީމުތަކަށް ހިތްދަތި ކަން ލިބޭނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
އެވަޓަންގެ އެޓޭކިން މިޑްފީލްޑަރަކަށް ކުޅޭ ފެލައިނީ ވަނީ މި ސީޒަންގައި އެޓީމަށް އަށް ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
"އަހަރެން ހިތްހަމަ ޖެހޭ އަހަރެންގެ މިހާރުގެ ކުޅުމާއި ދޭތެރޭ. އެކަމުގައި ފޮރުވިފައިވާ އެއްވެސް ކަމެއް ނެތް. ހުރިހާވެސް އެއްޗަކީ އަހަރެންގެ ނަސީބު، ހިތްވަރާއެކު ކުރާމަސައްކަތުގެ އިތުރުން ޕެނަލްޓީ އޭރިޔާ ތެރޭގައި ރަނގަޅު ޕޮޒިޝަން ނެގުން" ކަމަށެވެ. އަދި ފެލައިނީ އިތުރަށް ބުނީ "އަހަރެން ފޯވަޑުން ކުރަން ޖެހޭ ކަންތައް ކުރަން. އަދި ލަނޑު ޖަހަން".