އއ. ކައުންސިލުން އިސްނަގައިގެން އެ އަތޮޅު ބޮޑުފޮޅުދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ހުޅުވި މެޗުގައި ރަސްދު އާއި މަތިވެރި ބައްދަލުކޮށް އެކެއް އެކަކުން އެއްވަރު ވެއްޖެ އެވެ.

މި މަހު 10 އިން 21 އޮންނަ މުބާރާތުގެ ހޯމަ ދުވަހުގެ މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނޭ ފުރުސަތުތައް އުފައްދައިފަ އެވެ.

ރަސްދޫ ޓީމުގެ އަބްދުﷲ އިބްރާހީމް ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ރަސްދޫ ކޮޅަށް ބުރަކޮށްލައިފަ އެވެ. އެހެން ނަމަވެސް ފަހު ހާފުގެ ކުޅުން ފެށިގެން ބައިގަޑިއެއްހާ އިރުވީތަނާ މަތިވެރި ޓީމުގެ މުހައްމަދު ފާރިޝް އިބްރާހިމް ވަނީ ރަސްދޫ ކޮޅަށް ގޯލެއް ވައްދާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު ނިމުނީ އެކެއް އެކަކުން ދެ ޓީމު އެއްވަރު ވެގެން ނެވެ. މެޗުގެ މޮޅުކުޅުން ތެރިޔަކަށް ހޮވުނީ މަތިވެރީ ޓީމަށް ގޯލް ޖަހައިދިން މުހައްމަދު ފާރިޝް އެވެ.

މި މުބާރާތުގެ ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ކުޅުނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ބޮޑުފޮޅުދޫ ޓީމާއި ތޮއްޑޫ ޓީމެވެ. ރަނގަޅު ފެށުމަކާ އެކު މެޗުގެ ފުރަތަމަ މިނިޓުގެ ތެރޭގައި ތޮއްޑޫ ޓީމުގެ އާދަމް މޫސާ ވަނީ ބޮޑުފޮޅުދޫގެ ގޯލް ހުޅުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ދެކޮޅުގެ ގޯލަށް ނުރައްކާ ވާފަދަ ހަމަލާތަކެއް އުފައްދައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެކެއް ސުމަކުން ތޮއްޑޫ ކުރީގައި އޮވެގެން ނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ދިހަވަނަ މިނިޓު ތެރޭގައި ބޮޑުފުޅަދޫ ޓީމުން ތޮއްޑޫގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ހިތްވަރާ އެކު ކުޅެމުންދިޔަ ބޮޑުފުޅަދޫ ޓީމަށް އިތުރު ނުތަނަވަސް ކަމެއް ކުރިމަތި ކުރުވީ މެޗުގެ ނިމެން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ތޮއްޑޫ ޓީމުގެ މޫސާ ޔާމީން ޖެހި ލަނޑާ އެކު އެވެ. މެޗު ނިމެންދެން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމުނީ ދޭއް ސުމަކުން ބޮޑުފުޅަދޫގެ މައްޗަށް ތޮއްޑޫ ޓީމު ކުރި ހޯދައިގެން ނެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ރަސްދޫ، މަތިވެރި އަދި މާޅޮހު ޓީމެވެ. ގުރޫޕް ބީގައި ހިމެނެނީ ބޮޑުފޮޅުދޫ އާއި ތޮއްޑޫގެ އިތުރުން ހިމަންދޫ ޓީމެވެ. މުބާރާތް ރޭވިފައި ވަނީ ގުރޫޕް ސްޓޭޖްގައި ވާދަކޮށް ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީފައިނަލަށްދާ ގޮތަށެވެ. ފައިނަލްގައި ކުޅޭނީ ސެމީފަނަލުގައި ވާދަކޮށް މޮޅުވާ ދެ ޓީމެ ކެވެ.