ހދ. އަތޮޅު ކައުންސިލްގައި ޑީއާރުޕީ ތަމްސީލް ކުރައްވަމުން ދިޔަ ހަމަ އެކަނި މެންބަރު އަދި އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ ހަސަން އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

ޒަކަރިއްޔާ ހަސަން އެމްޑީޕީ އަށް ސޮއިކޮށްފައި ވަނީ ވައުދުގެ ދަތުރު ނިންމާލުމަށް ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަސްލާގަ އެވެ.

އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު ޒަކަރީއްޔާ މިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީ އަށް ސޮއިކުރި މައިގަނޑު ސަބަބަކީ މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުން ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދެވޭނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އަދި އަތޮޅުގެ ތަރައްގީ އަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެމްޑިޕީއާ ގުޅުން ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އާއި ގުޅުނު އެންމެ މައިގަނޑު ސަބަބަކީ އެއީ ގައުމު ތަރައްގީ ކުރުމުގެ ފިކުރު ހުރި ޕާޓީ ކަމަށް ވާތީ. އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެންގެ ރަށަށް އަޅުގަނޑުމެންގެ ދާއިރާ އަށް އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ ބޭނުންވާތީ ތަރައްގީ ކުރުމުގެ ހިތްވަރަކާއި ފަންވަރެއް ހުރި ޕާޓީ އަކީ ހަމައެކަނި އެއީ ކަމަށް ގަބޫލު ކުރާތީ." ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީއާރްޕީން ވަކިވެވަޑައިގެންނެވި މައިގަނޑު ސަބަބަކީ އެ ޕާޓީ އުފެއްދެވި ބޭފުޅުން ވެސް ޕާޓީ ދޫކުރައްވައި ވަޑައިގަތުމުން އަދި ޑީއާރްޕީ އިން ގައުމަށް ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.