ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރުމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ރިޝްވާންގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު އަހުމަދު މުހައްމަދު ވަނީ ރިޝްވާން އެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ މަޖިލީހަށް އިއްވައިފަ އެވެ.

ރައީސްގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ފޮނުއްވައިފަ އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައި ވަނީ އެ ކޮމިޝަންގެ ކުރީގެ މެންބަރު ޝަހިންދާ އިސްމާއިލް މެންބަރު ކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.