މޫސުން ތަން ނުދީގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތީން ފަސްކުރި "ގަންނާނެއްބާ ސަރުކާރު" މުޒާހާރާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހުމަދު އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މުޒާހަރާއާ ބެހޭ ގޮތުން އުމަރު ނަސީރު މިއަދު ވިދާޅުވީ މިރޭ 9:15ގައި އާޓިފިޝަލް ބީޗުގައި މުޒާހަރާ ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ މުޅި މުޒާހަރާ ބިނާވެފައި އޮންނާނީ ސަރުކާރުން ގައުމުގެ ހަރު މުދާތައް ވިއްކަމުންދާދިއުމާ ދެކޮޅަށް ހަރުކޮށް އަޑު އުފުލުން ކަމަށެވެ.


"ސަރުކާރުން ވަނީ މުޅި ގައުމުގައި ހުސްކުރާ ސޭލެއް އަޅުވައިފަ އެވެ. އެކަމާ ދެކޮޅު ހެދުމަށް ޑީއާރްޕީގެ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވާނެ މުޒާހަރާގައި،" ވަކި ކަމެއް ނުކުރުމައަންގާފައި ވަނިކޮށް އެކަމެއް ކުރައްވާފައިވާކަމަށް ބުނެ ޑީއާރްޕީގެ ކައުންސިލުން ޑިސިޕްލިނަރީ ކޮމެޓީ އަށް މައްސަލަ ފޮނުވައިވާ އުމަރު ވިދާޅުވި އެވެ.


އުމަރު ވިދާޅުވީ ނުބޭއްވި ފަސްވަމުން ދިޔަ ނަމަވެސް މިރޭގެ މުޒާހަރާގެ ފޯރި ކުޑަ  ނުވާނެ ކަމަށާއި މުޅި މުޒާހަރާ ވީޓީވީން ލައިވް ކުރާނެ ކަމަށެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީ ލީޑަރުންތަކެއް ގުޅިވަޑައިގެން ބާއްވަން ނިންމައި މިހާނަތަނަށް ވެސް ނުބޭއްވި އޮތް މި މުޒާހަރާގެ ސަބަބުން ޕާޓީ ތެރޭގައި ވަނީ ބައިބައިވުންތަކެއް އުފެދިފަ އެވެ.