12 Dec 2012, 09:35
ގދ. އަތޮޅު ކައުންސިލްގެ ޑީއާރްޕީ މެންބަރު މުހައްމަދު ޝާމިހު ކައުންސިލަރު ކަމުން އިސްތިއުފާ ދެެއްވައިފި އެވެ.
ގދ. އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އަލީ ވަހީދު މިއަދު ވިދާޅުވީ ގައްދޫ ދާއިރާގެ ކައުންސިލަރު ޝާމިހު އިސްތިއުފާދެއްވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށާއި މިހާރު އެކަން އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވާމެންޓް އޮތޯރިޓީއަށް ވެސް އަންގާފައިވާ ކަމަށެވެ.
އިސްތިއުފާ ދެެއްވިކަން ބަޔާންކޮށް އޭނާ ފޮނުއްވި ސިޓީގައި މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނާ ގާތުން ޚިދުމަތް ކުރާނެ ރަނގަޅު ފުރުސަތަކަށް ޝައުގުވެރިވާތީ ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ ކަމަށް ބުނެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޝާމިހު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވާފައިވާ އިރު ޑީއާރްޕީ އަށް ނިސްބަތްވާ ގައްދޫ ދާއިރާގެ އަނެއް ކައުންސިލަރު ކަމަށްވާ މުހައްމަދު ނިޒާމް ވަނީ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ. ނިޒާމަކީ ގދ. އަތޮޅު ކައުންސިލްގެ ރައީސެވެ.