އެމްޑީޕީގެ ލީޑާޝިފާ އެކީ މަސައްކަތް ނުކުރައްވާނެ ވާހަކައަކީ ތަކުރާރުކޮށް ދައްކަވަމުން ގެންދާ ވާހަކައެއް ކަމަށާއި އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ އޭނާ ޑީއާރްޕީގެ ލީޑާޝިފުގައި ހުރިހާ ހިނދަކު އެމްޑީޕީއާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އެއީ މީގެ ކުރިން ވެސް ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. އަދި ވިދާޅުވީ ބުނާ ބަހަކާ ޚިލާފު ނުވެ ސާބިތުކަމާ އެކީ އެބަހުގައި އޭނާ ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެއް އަޅުގަނޑުގެ ލީޑާޝިޕެއްގައި އެމްޑީޕީއާ އެކީގައި، މުހައްމަދު ނަޝީދުގެ އެމްޑީޕީއާ އެކީގައި މިއަންނަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ހުރެގެން އެއްވެސް ކަހަލަ އެއްބަސްވުމަކަށް އައިސްގެން އެކީގައި މަސައްކަތް ނުކުރާނެކަން. އެއީ އަޅުގަނޑު ދައްކާފައި އޮތް ވާހަކައެއް އަޅުގަނޑަކީ އަޅުގަނޑު ދައްކާ ވާހަކައާ ޚިލާފުވާ މީހެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓު ދެއްވި ދެއްވުމަށް އަލިއަޅުވާލައްވައި ތަސްމީން ވިދާޅުވީ އެގޮތަށް ވޯޓުދެއްވީ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެއްވުމަށް ފަހު ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ޑީއާރްޕީ އަކީ އެ ޕާޓީ އަށް ފެންނަ ގޮތަކަށް ވޯޓުލާ ބައެއް ކަމަށާއި ބައެއް ފަހަރަށް އެ ޕާޓީން ވޯޓުލާ ގޮތަށް އެމްޑީޕީން ވޯޓުލުމަކީ އެކަަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އޭގެ މާނައަކީ އެ ޕާޓީން އެމްޑީޕީއާ ގުޅިގެން އެއްގޮތަކަށް ވޯޓު ދިނުން ނޫން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އެކި އެކި ޕޮލިސީ ކަންތައްތަކުގައި" ޑީއާރްޕީން ގެންގުޅޭނީ އެ ޕާޓީން ގަބޫލު ކުރާގޮތް ކަމަށެވެ. އަދި ސިޔާސަތަކާ މެދު ޚިޔާލު ތަފާތު ވެއްޖެ ނަމަ ޑީއާރްޕީން މަސައްކަތް ކުރާނީ ސަރުކާރާ މަޝްވަރާކޮށްގެން އެ ޕާޓީގެ ސިޔާސަތާ އެއްގޮތަށް ކަންތައްތައް ގެންދެވޭތޯ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވެއްޖެ ނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލާފައި ޑީއާރްޕީން އެކަމެއްގައި އެހެން ސްޑޭންޑެއް ނަގަން ޖެހިދާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން މަސައްކަތް ކުރާނީ ސަރުކާރާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ ޕޮލިސީއާ އެއްގޮތަށް ކަންތައްތައް ގެންދެވޭތޯ. ޚިޔާލުތަފާތުވެގެން އެކަން ނުކުރެވިއްޖެއްޔާ އެކަން ނުކުރެވިއްޖެއްޔާ ކަމުގެ ކުޑަބޮޑު މިނަށް ބަލާފައި މުހިންމު ކަންތައްތަކުގައި އަޅުގަނޑުމެން ތަފާތު ސްޓޭންޑްތައް ނަގައި ފާނޭ. މިހާތަނަށް ވެސް ނަގާފައި ހުންނާނެ. އަޅުގަނޑުމެން ނުދެކެން އެއީ މައްސަލައެއް ކަމަށް،" ތަސްމީން ވިދާޅުވި އެވެ.

ރޭގެ އިންޓަވިއުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކަ ކުރައްވައިފާނެ ކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ވެސް ތަސްމީން ވަނީ ވާހަކަ ދައްކަވައިފަ އެވެ. ތަސްމީން ވިދާޅުވީ ޑީއާރުޕީ ބައިކޮށްލެއްވުމަށް ފަހު މައުމޫން އާ ޕާޓީއެއް އުފެއްދެވީ ވެސް ސިޔާސީ މައިދާނާ ދުރުގައި ނުހުންނެވިގެން ކަމަށެވެ. ނަމަވެސް ތަސްމީން ވިދާޅުވީ ރައީސް މައުމޫނަކީ ކަންކަން ނިންމަވާ ގޮތް ކުރިން ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި އެކަން އެނގޭނީ ފަހު ވަގުތު ކަމަށެވެ.

"އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅު ގެންގުޅުއްވާ ގޮތުން ކުރިމަތި ނުލައްވަން ނިންމަވާފައި ހުރި ނަމަވެސް އެކަން ކުރައްވަން ނިންމަވާފައި އޮތް ވަގުތަކާ ހަމައަށް އެ މަނިކުފާނެއް އެކަން ޔަގީން ވާނެ ގޮތަކަށެއް އެއްޗެއް ވިދާޅެއް ނުވާނެ." ތަސްމީން ވިދާޅުވި އެވެ.