11 Dec 2012, 22:38
މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ވިލިމާފަންނު ދާއިރާ މެމްބަރު އަހުމަދު ހަމީދު (ފްލައި) މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ފްލައި މިރޭ އެ ޕާޓީ އަށް ސޮއިކުރެއްވީ އެކަމަށް ޓަކައި މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފްލައި މިރޭ ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަށް ގެންދެވޭނެ ލީޑަރަކީ ގާސިމް ކަމަށް އޭނާ ގަބޫލުކުރައްވާތީ ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ފްލައިގެ އިތުރުން ވިލިމާފަންނު ދާއިރާގެ އިތުރު 20 މީހަކު އެޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ފްލައި އެމަގާމަށް ހޮވިވަޑައިގެންފައި ވަނީ ޑީއާރުޕީގެ ޓިކެޓްގަ އެވެ. ނަމަވެސް އޭގެ ކުރިން އޭނާ ހަރަކާތްތެރިވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.
ކައުންސިލްތަކުގެ މެމްބަރުން ޕާޓީ ބަދަލު ކުރިއަސް ކައުންސިލްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ފްލައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ނަމަވެސް ކައުންސިލްތަކުގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ ގިނަ މެމްބަރުން ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ.