ކާމިޔާބުގެ ރަހަ ލިބިގަތުމަކީ ކޮންމެ މީހަކު ވެސް ކުރުން ވަރަށް މުހިއްމު ކަމެއް ކަމުގައި ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ރޭ ބުނެފި އެވެ.

ސްރީލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ޕުޓްބޯޅަ މުބާރާތުގެ ޗެޕްޕިއަންކަން ރާއްޖޭގެ ގައުމީ ޓީމަށް ހޯދައި ދިން ކޯޗު ރޭ ހުޅުލޭ އެއާޕޯޓުގައި ވާހަކަ ދައްކަމުން ބުނީ "މިއީ ނުކުރެވި ހުރި ކަންތައްތަކުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން" ކަމަށެވެ.

"އެކަމަކު މުބާރާތަކަށް މިގޮތަށްދާ އިރު އަބަދުވެސް އަހަރުމެން ވިސްނުން ބަހައްޓަން ޖެހޭނީ މޮޅުވާން. ދެހާސް ނުވަ ވަނަ އަހަރު އަހަރުމެން މިއަށް ވުރެ މާ ރަނގަޅަށް ކުޅުނިން. އެކަމަކު އަހަރުމެން ބަލިވީ ޕެނަލްޓީ ޖަހައިގެން. އޭގެ ސަބަބުން މީހުން ކުރިމަތީ އަހަރުމެން ޓީމުވީ ނާކާމިޔާބު ޓީމަކަށް. އަދި އަހަރެންނަށް ލިބުނީ ނާކާމިޔާބު މީހެއްގެ ލަގަބު. އެކަމަކު މިފަހަރު އަހަރެމެން މިވީ މޮޅު. އަރެންނެއް ނޫން އެކަމަކު މިތިބަ ޒުވާން ކުޅުންތެރިން ހޯދި ކާމިޔާބު. އަހަރެން މީގެ ކުރިން ވެސް ބުނެފައި އޮންނާނީ ކާމިޔާބުގެ ރަހަ ލިބިގަތުމަކީ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ކަމެކޭ،" ގައުމީ ކޯޗު އުރުބާނީ ބުންޏެވެ.

މީގެ އިތުރުން ޕާކިސްތާނާ ދެކޮޅަށް ދިވެހި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފައިނަލް މެޗާ ބެހޭ ގޮތުން ކޯޗު ބުނީ "އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ކިތައް މިނިޓުކަން" ނޭނގޭ ކަމަށާއި "އެކަމަކު މިއަދު ކުޅުންތެރިން އެކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް" ކަމަށާއި "އަދި ވަކިން ހާއްސަކޮށް މެޗުގެ ފަހު ދިހަވަރަކަށް މިނިޓަކީ ވަރަށް އުނދަގޫ ވަގުތު ކޮޅެއް،" ކަމަށެވެ.

ގައުމީ ޓީމުގެ މުސްތަގުބަލާ ދޭތެރޭ ކޯޗު ބުނީ "އަހަރެން ގަބޫލުކުރަނީ ރަނގަޅު، ހަރުދަނާ ޝަހުސިއްޔަތުތަކެއް ބިނާކުރަން މިއީ ހަމަ އެންމެ ރަނގަޅު ފެށުމެއް" ކަމަށެވެ.

ހަމަ އެއާއެކު އެފްއޭއެމްއިން އިންތިޒާމް ކޮށްގެން ބާއްވާ 22 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަކީ މިފަދަ ޓީމެއް ބިނާކުރުމަށް ވަރަށް މުހިއްމު މުބާރާތެއް ކަމަށް ވެސް ކޯޗު ވަނީ ފާހަގަކޮށްފަ އެވެ.

"ބާވީސް އަހަރުން ދަށުގެ މުބާރަތަކީ ވަރަށް ރަނގަޅު ފަދާކުރަނިވި މުބާރާތެއް. އަހަރެން ވަރަށް އުފާވި އެ މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިން ތަކެއް ދިވެހި ލީގުން ފެނުނީމާ. އެހެން ކަމުން ކުރީ ފަހަރަށް ވުރެ މިފަހަރުގެ ޓީމް ހޮވާލަން އަހަންނަށް ވަރަށް ފަސޭހަވި. އަހަރެން ބުނާނީ މިކުޅުންތެރިންނަށް ވީ މިފަދަ ވަރުގަދަ މެޗުތަށް ކުޅެ ރަނގަޅު ތަޖުރިބާ ހޯދައި ދޭށޭ. ރަނގަޅު ޓީމެއް ބިނާކުރެވޭނީ އޭރުން." އުރުބާނީ ފާހަގަ ކުރި އެވެ.

އޭނާ ބުނީ މިފަދަ ކާމިޔާބީތައް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ވެސް ކޯޗު އިސްތަވާން އުރުބާނީ ވަނީ މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ޕުޓްބޯޅަ މުބާރާތުގެ ޓޮރޮފީގެ އިތުރުން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާ އެކު 2010 ވަނަ އަހަރުގެ ސާފް ގޭމްސްގެ ލޯމެޑަލް ހޯދައިފަ އެވެ.