ދައުލަތުގެ މިނިސްޓްރީތަކާއި ބޮޑެތި މުއައްސަސާތަކުގައި ހިންގާ މާލީ މުއާމަލާތްތައް ދުވަހުން ދުވަހަށް ބަލައި އެތަންތަނުގައި ރޭވިފައި އޮންނަ ނިޒާމްތައް ހަރުދަނާތޯ ބެލުމަށް ފިނޭންސް މިނިސްޓަރާއި ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާ އަށް އޮޑިޓާ ޖެނެރަލް ގޮވާލައްވައިފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އެގޮތަށް ގޮވާލެއްވީ ސިވިލް ސާވިސް ކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި ތިން ވަނަ ޕާމަނަންޓް ސެކްރެޓަރީންގެ ރިޓްރީޓްގައި "ކޮރަޕްޝަން ފްރީ ސިވިލް ސާވިސް"އެއް ގާއިމް ކުރުމަށް އެކުލަވާލި އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިޔާޒު ވިދާޅުވީ މިނިސްޓްރީތަކާއި ދައުލަތުގެ ބޮޑެތި މުއައްސަސާތަކުގެ މާލީ ނިޒާމްތައް ހަރުދަނާތޯ ބަލައި އެކަންތައް ރިވިއުކޮށް މާލީ މުއާމަލާތްތަކުގައި ހުންނަ މައްސަލަތައް އެތަންތަނުގެ އިސް ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނެ ހަރުދަނާ އިންޓާނަލް އޮޑިޓް ނިޒާމްތަކެއް ދައުލަތުގެ މުއައްސަސާތަކުގައި ގާއިމް ކޮށްދިނުމަށް ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އަހުމަދާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ގޮވާލައްވާ ކަމަށެވެ.

"މިއަދު ފިނޭންސް މިނިސްޓަރު އަދި ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާ އަށް އަޅުގަނޑު ގޮވާލަން ބޭނުން ވަނީ. މިހާރުން މިހާރަށް ވެސް ބޮޑެތި މިނިސްޓްރީތަކުގައި އަދި ބޮޑެތި އެހެނިހެން އެޖެންސީސްތަކުގައި ހިންގާ މާލީ މުއާމަލާތްތައް ދުވަހުން ދުވަހަށް ބަލައި އެތަންތަނުގެ ތެރޭގައި ރޭވިފައި އޮންނަ ނިޒާމްތައް ހަރުދަނާތޯ ބަލައި އެކަންތައްތައް ރިވިއުކޮށް އޭގައި ހުންނަ މައްސަލަތައް ޓޮޕް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެވޭނެ ހަރުދަނާ އިންޓާނަލް އޮޑިޓް ނިޒާމްތަކެއް ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ގާއިމްކޮށްދެއްވާށޭ،" ނިޔާޒު ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ މުއްދަތަށް މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކުރުމަށް އޮޑިޓާ ޖެނެރަލްއާ ޖެނެރަލްއާ ހަމައަށް ހުށަނާޅާ މިނިސްޓްރީތައް ހުރިކަން ފާހަގަ ކުރައްވަމުން ނިޔާޒު ވަނީ ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި މާލީ ހިސާބުތައް ތައްޔާރުކޮށް އެ އޮފީހަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. އަދި ތައްޔާރު ކުރެވޭ މާލީ ހިސާބުތަކުގައި ވަކި މިންގަނޑެއް އޮންނަން ޖެހޭ ކަމަށާއި މާލީ ހިސާބުތައް ތައްޔާރު ކުރާ އިރު ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ކަންކަމުގައި އިހުމަލުވާ ފަރާތްތަކާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ މައްސަލަ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބަލާ އިރު އެބޭފުޅުން ޖަވާބުދާރީ ކުރުވުމަށް ހަރުދަނާ އިންތިޒާމްތަކެއް ވެސް ރޭވިފައި ނެތް ކަމަށާއި މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ގަވާއިދުގައި އޮންނަ ގޮތަށް އަވަސް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިހުމާލުވާ ފަރާތްތަކާއި ޒިންމާ ފަރާތްތަކާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ. ފިޔަވަޅު އަޅަން ބަލާ އިރު އެބޭފުޅުން ޖަވާބުދާރި ކުރުވުމަށް ހަރުދަނާ އިންތިޒާމްތަކެއް ދައުލަތުގެ ތެރޭގައި ހަމަޖެހިފައި ނެތް މައްސަލަ. މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަވަސް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.