ނ. ރަންދެލި ރިސޯޓްގެ މާލޭ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ރަންދެލި ރިސޯޓްގެ މާލޭ އޮފީހުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 16 އަހަރުގެ ކުޑަ ކުއްޖަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ ދާރުލްއާސާރު ކުރިމައްޗަށް ވާގޮތަށް އޮންނަ ކެނެރީމަގުގައި ހުންނަ އެ އޮފީސް ފަޅާލާފައި ވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ އޮފީސްތެރެއިން ވަގަށް ނަގާފައި ވަނީ 80،000ރ. އާއި 3000 ޑޮލަރު، (46260ރ.) އެވެ. އެއީ ރުފިޔާ އިން ބަލާ ނަމަ ޖުމްލަ 126،260ރ. އެވެ.

އެ މައްސަލައާ އެކު ފުލުހުން ވަނީ އެ އޮފީސްތެރޭގައި ވަގުން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ހަ މިނެޓްގެ ސީސީޓީވީ ފްޓޭޖް ވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ފަތިހު 4:30ގައި މޫނު ނިވާކޮށްގެން ތިބި ތިން މީހަކު އެ އޮފީހުގެ ތެރެއަށް ވަދެ ހަރަކާތްތެރިވާ މަންޒަރުފެނެ އެވެ. އެ މީހުން އެ ވައްކަމަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓެވެ. އެތަނުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔުމުގެ ތެރޭގައި އޭގެ ތެރެއިން އެކެއްގެ މޫނު ފެނެ އެވެ. ނަމަވެސް އެ އެންމެން ވެސް ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނުމަތީ ފޮތިގަނޑެއް އަޅައިގެންނެވެ. އަދި ކޮންމެ މީހެއްގެ އަތަށް ވެސް އަންގި ވެސް ވަނީ ލައްވައިފަ އެވެ.