ގެއްލިގެން ހޯދާތާ 10 ވަރަކަށް ދުވަސް ފަހުން ލަންކާގެ މަސްބޯޓަކަށް ނެގި ސ. މަރަދޫ ހިތްވަރު ބޯޓުގެ މީހުން އައްޑު އަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިރޭ ވިދާޅުވީ އެ ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ސަލާމަތްވި އަށް މީހުން ގޮވައިގެން ކޯސްޓްގާޑު އައްޑޫ ސިޓީގެ ގަމުގެ ބަނދަރަށް ލަފާފައި ވަނީ މިރޭ 8:17ގައި ކަމަށެވެ. އަދި މިހާރު އެ އެންމެން ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިރޭ 8:17ގައި ކޯސްޓްގާޑް ޝިޕް ހުރަވީ އައްޑޫ ސިޓީ އަށް ދެވުނީ. މިހާރު އެ ދަތުރު ކުރަނީ ހޮސްޕިޓަލަށް. ޑޮކްޓަރަށް ދެއްކުމަށް ފަހު ދެން އަޅުގަނޑުމެން ނިންމާލާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަށް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި ނަމަވެސް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެއް ކަމަށް ވާތީ އެމްއެންޑީއެފުން އެ މީހުން ދޫކޮށްލާނީ ޑޮކްޓަރަށް ދެއްކުމަށް ފަހު ކަމަށެވެ.

ހިތްވަރު ބޯޓުން ޖުމްލަ 10 މީހަކު ދަތުރު ކުރި އިރު އޭގެތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ ބަންގްލަދޭޝްގެ މީހަކާއި ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 76، އެވެ.

މިހާރު ކޯސްޓްގާޑުން އައްޑުއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ ތިން މީހަކާއި 11 އަހަރުގެ ކުއްޖެއް ކަމަށްވާ ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42، އެވެ.

ބަންގްލަދޭޝްގެ މީހާ އާއި ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ މަރުވެފައި ވަނީ ބޯޓު އަޑިއަށް ދާން ފެށުމުން އެންމެން ޑިންގީ އަށް އަރައި ތިއްބައި ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މަރުވި ދެ މީހުން ކަނޑަށް ދޫކޮށްލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.