މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކެޓްރީޖެނަރަލް މަގާމް 15 އަހަރަށް ފަހު އާ ބޭފުޅަކު އިންތިހާބްކޮށްފި އެވެ.

މިއަދު ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި މި އަންނަ އަހަރަށް އެ އެސޯސިއޭޝަންގެ ސެކެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބްކޮށްފައި ވަނީ ކުރިން އެ އެސޯސިއޭޝަންގެ ފައިނޭންޝަލް ކޮންޓްރޯލާ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނަޒީރެވެ.

ވޭތުވެ ދިޔަ 15 އަހަރު ދުވަހު އެ މަގާމް ފުރުއްވީ ސިމް އިބްރާހިމް މުހައްމަދު އެވެ.

ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އިންތިހާބު ކުރި އަހުމަދު ނަޒީރު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެ މަގާމުގެ މަސްއޫލިއްޔަތު އުފުލުމަށް ސާބިތުކަމާއެކީ ހުންނެވި ކަމަށާއި އެ ބޭފުޅާގެ މަސްއޫލިއްޔަތަކީ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

"އަޅުގަނޑުގެ މަގާމަކީ ކަންކަމުގައި ގޮތް ނިންމޭނެ މީހެއް ނޫން. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ބޯޑުގެ ނިންމުންތައް ތަންފީޒް ކުރުމަށް މަސައްކަތްކުރުން،"ނަޒީރު ވިދާޅުވި އެވެ.

މީގެ ކުރިން 15 އަހަރުވަންދެން އެ މަގާމު ފުރުއްވާފައިވާ އަދި ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ފިރިކަލުން ސިމް އިބްރާހިމް މުހައްމަދު ވިދާޅުވީ އެ މަގާމަށް މި އަހަރު ކުރިމަތި ނުލެއްވީ މިއަދު ރާއްޖޭގެ ހާލަތު ހުރިގޮތުން މަޓީގައި އިތުރަށް މަސައްކަތްކުރަން ބޭނުންނުވާތީ ކަމަށާއި ދެން ވިސްނުން ހުރީ މަޓީ ދޫކޮށްލުމަށް ކަމަށެވެ.

މަޓީ އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެގެން ޓޫރިޒަމް ދާއިރާ އަށް ދިމާވާ ކަންތައްތަށް ހައްލުކުރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.