ހިންމަފުށީ ޕްރީ ސްކޫލުން ކަނޑާލި މުވައްޒަފަކަށް އަލުން އަނބުރާ ވަޒީފާ ނުދިން މައްސަލައެއްގައި، އިއްޔެ ހަވީރުން ފެށިގެން ރަށު އޮފީސް ހިފަހައްޓައިގެން ތިބި މީހުން ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ފުލުހުން އެ ރަށަށް ދިޔުމުން ރޭ ދަންވަރު ރަށު އޮފީސް ދޫކޮށްލައިފި އެވެ.


މި މައްސަލައާ ގުޅޭ ގޮތުން ސަންއެފްއެމަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، ފުލުހުންގެ އިސް އޮފިސަރަކާއި ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގެ ފުލުހުން ހިންމަފުއްޓަށް ދިޔައީ ރޭ 9:30 ހާއިރު ކަމަށެވެ. އަދި ރަށު އޮފީސް ބަންދުކޮށްގެން ތިބި މީހުންނާ ވާހަކަދައްކާ، ފުލުހުން އެ މައްސަލަ ބެލި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ސަރުކާރުގެ އޮފީހެއް ހިފެހެއްޓުމަކީ ޤާނޫނީ ކުށެއް ކަމަށް ބުނެ، އެ އޮފީސަށް ވަދެ ތިބި މީހުންނަށް ފުލުހުން ނަސޭހަތްތެރިވުމުން، ރޭ 1:30 ހާއިރު އެމީހުން އެތަން ދޫކޮށްލީ ކަމަށް ވެސް އޭނަ ކިޔައިދިނެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހިންމަފުށީގައި ހިނގި ހަމަނުޖެހުންތަކެއް ހައްލު ކުރުމަށް އެ ރަށުގައި ފުލުހުން ހަރަކާތްތެރިވި ކަމަށް. ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފްސީލު އޮފިޝަލު ނުދެއްވަ އެވެ.  


މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހާއި އަދި އިއްޔެ ވެސް، ހިންމަފުށީ ރަށު އޮފީސް ތެރެއަށް ވަދެ ބަޔަކު އަޑުގަދަ ކުރަމުންދިޔައީ ހިންމަފުށީ ޕްރީ ސްކޫލްގައި ސެކްރެޓަރީއެއްގެ ވަޒީފާ އަދާކުރަމުންދިޔަ އަންހެން މުވައްޒަފަކު ކަނޑާލުމާ ގުޅިގެން އަލުން އޭނާ އަށް ވަޒީފާ ދިނުމަށް ރަށު ކައުންސިލަރު ދެކޮޅު ހައްދަވާފައިވާތީ އެވެ. އެ ރަށުން މައުލޫމަތު ދިން މީހަ އިތުރަށް ބުނި ގޮތުގައި، ވަޒީފާއިން ވަކިކުރި އަންހެން މުވައްޒަފަށް އަލުން އަނބުރާ ވަޒީފާ ހަމަޖައްސައިދިނުމަށް އަތޮޅު އޮފީހުންނާއި ޕްރޮވިންސް އޮފީހުން ވެސް ކައުންސިލަރަށް ރަސްމީކޮށް އަންގަވާފައިވެ އެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ލަފާދެއްވުމުން ނޫނީ އެ ގޮތަށް އަމަލުނުކުރައްވާނެ ކަމަށް ކައުންސިލަރު ވިދާޅުވަމުން ގެންދަވާ ކަމަށް އޭނާ ކިޔައިން ދިނެވެ.


ހިންމަފުށީ ކައުންސިލަރު ފަރުހާދު އިބްރާހިމް ވިދާޅުވީ، އެކަން ކޮށްފައި ވަނީ އެ ސުކޫލްގެ ބެލެނިވެރިންނާ ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އަދި ސެކްރެޓަރީ ވަޒީފާއިން ވަކިކުރީ ޕްރީ ސުކޫލް މިހާރަށް ވުރެ ރަނގަޅަށް ހަރުދަނާކޮށް ހިންގުމުގެ ބޭނުމުގައި ކަމަށެވެ. މީގެ އިތުރުން ވާޒީފާ އަށް ލާފައި ހުރި އަންހެން ކުއްޖާއަކީ އެކަމަށް ޝަރުތެއް ހަމަވާ މީހެއް ނޫން ކަމަށާއި އަދި ވަޒީފާ ދީފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް އަތޮޅު ވެރިޔާގެ މުއާވިން ހުސެން އަބުދުއްރަހްމާން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.