11 Dec 2012, 18:07
ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު އިންގިލާބަކުން ވައްޓާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އިންގިލާބަކުން ސަރުކާރު ވައްޓާލުމަށް ހުށަހެޅި ގަރާރު ފާސްވީ ގައުމީ މަޖިލީހަށް ހާޒިރުވި 30 މެންބަރުންގެ އަޣުލަބީއްޔަތުން ކަމަށް އެމްޑީޕީން ބުންޏެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު މިއަދު ވިދާޅުވީ ގައުމީ މަޖިލީހުން މިއަދު އެގޮތަށް ނިންމީ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން ވެރިކަމަށް އައިސްފައިވާ ސަރުކާރެއް ކަމަށް އެ ޕާޓީން ގަބޫލު ކުރާތީ ކަމަށެވެ. އަދި ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް އެމްޑީޕީން ކުރިން ބުނި ނަމަވެސް މިހާރު ހާލަތު ބަދަލު ވެފައިވާ ކަމަށެވެ.
ހާމިދު ވިދާޅުވީ އިންގިލާބަކުން ސަރުކާރު ވައްޓަލުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި ފަސް މެންބަރުންގެ ކޮމެޓީއެއް ނެގުމަށް ވެސް ފާސް ކޮށްފައިވާ ކަމަށެވެ.
މިހާރުގެ ސަރުކާރު އިންގިލާބަކުން ވައްޓާލުމުގެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. ގަރާރަށް ތާއިދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.
ޑރ. ވަހީދުގެ ކޯލިޝަން ސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށް އެމްޑީޕީން ބުންޏަސް، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ހޯދުންތަކުފައި ބުނެފައި ވަނީ ސަރުކާރު ބަދަލުވެފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީން ކަމަށެވެ.