11 Dec 2012, 17:51
އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަޕޯޓް ހިންގުމަށް، މާލޭ އިންޓަނޭޝަނަލް އެއަޕޯޓް ލިމިޓެޑްގެ ނަމުގައި ސަރުކާރު ހިއްސާވާ ވަކި ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ލަފާއަރުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ ކުންފުނި އުފެއްދެވުމަށް ރައީސަށް ލަފާ އެރުވީ ފިނޭންސް މިނިސްޓްރީ އިން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަޕޯޓް ހިންގައި ތަރައްގީ ކުރުމަށް ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ގޮތުގައި، މާލޭ އިންޓަނޭޝަނަލް އެއަޕޯޓް ލިމިޓެޑް އުފައްދަވައި، އެ ކުންފުންޏާއި އެމްއޭސީއެލްއާ ދެމެދު ކުރެވޭ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އެއަޕޯޓް ހިންގުމާއި ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް، މާލޭ އިންޓަނޭޝަނަލް އެއަޕޯޓް ލިމިޓެޑުން ކުރަމުން ގެންދާ ގޮތަށް ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވި ކަމަށް ވެެސް ރައީސް އޮފީހުން ބުންޏެވެ.