11 Dec 2012, 16:47
ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ އެއްބާރުލުން ސަރުކާރުގެ ކަމާ ބެހޭ ބައެއް އިދާރާތަކުން ލިބެމުންނުދާ ކަމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ދަންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނެކްސްބިޒް މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންތައްތަކެއް ފާހަގަކޮށް އެކަން ރައީސަށް ދަންނަވާފައިވާ ކަމަށެވެ. އަދި ބޯޑާ ކޮންޓްރޯލް ސިމްޓަމްގެ މަަސައްކަތް ހިންގުމުގަައި މަސައްކަތާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކުގައި އޮންނަން ޖެހޭ ގުޅުމާއި އެއްބާރުލުން އެއްވެސް މިންވަރަކަށް ނެތް ކަމަށާއި ބޯޑާ ކޮންޓްރޯލް މަޝްރޫއާއި ގުޅޭ ގޮތުން މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ ކޮޕީއެއް މިއަދާ ހަމައަށް ވެސް ފިނޭންސް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް އެމިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއަށް އެ އެއްބަސްވުމުގެ ކޮޕީއެއް ލިބިފައި ނެތް ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީއަށް ލިބިފައި ހުރި އެއްވެސް މައުލޫމާތެއް ފޯރުކޮށްދިނުމުގައި ފިނޭންސުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފަ އެވެ.
އެ އެއްބަސްވުމުގައި ޓެކްސް މައާފްކޮށްދޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު ޓެކްސް މައާފްކުރުމަކީ މަޖިލީހުގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެގްރީމެންޓްގައި ސޮއިކޮށްފައިވާ ކަމަށާއި އެ ޓެކްސް މައާފުކުރަން ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމަށް މިއަދާ ހަމައަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް މަޖިލީހުން ރައީސަށް ވަނީ ދަންނަވާފަ އެވެ.
ދޭއްޕޮއިންޓް ފަހެއް ބިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީއަށް ފެންނަ ކަންތައްތައް ފާހަގަކޮށްފައިވާއިރު އެ މަސައްކަތް އޭސީސީން ވަނީ ދެ ފަހަރެއްގެ މަތިން ހުއްޓުވާފަ އެވެ. އަދި އެ އެއްބަސްވުމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެގްރިމަންޓްގެ ދަށުންކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ދެއްކިދާނެ ކަމާ މެދު ސުވާލުއުފެދޭ ކަމަށް ބަންޑާރަ ނައިބު ވެސް ވަނީ ވިދާޅުވެފަ އެވެ.
ނެކްސް ބިޒާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 22 އަހަރު ވަންދެން ރާއްޖެ އިން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ ޑޮލަރު އަދި ހަދާ ކޮންމެ ވިސާ ކާޑަކަށް 15 ޑޮލަރު އެ ކުންފުނިން ޗާޖް ކުރާނެ އެވެ.