އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގެ ސަބަބުން އަންނަ އަހަރުގެ ތެރޭގައި އިގްތިސޯދީ ގޮތުން އިތުރު މައްސަލަތަކަކާ ރާއްޖެ ކުރިމަތިލާން ޖެހިދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ބަޖެޓް ކޮމެޓީ އަށް އެމްއެމްއޭ އިން ފޮނުވި ލަފާގައި މައިގަނޑު ދެ މައްސަލައެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރިކަރަންޓް ހަރަދު މި އަހަރަށް ވުރެ ވެސް ބޮޑުވާތީ ބަޖެޓް ޑެފިސިޓް ބޮޑުވުމުގެ ކަންބޮޑުވުމެވެ. އަނެއް ކަންބޮޑުވުމުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަޖެޓްކޮށްފައިވާ އަދަދަށް އާމްދަނީ ނުލިބުމެވެ.

ގާތްގަނޑަކަށް ހަ ޕޮއިންޓެއްގެ މައްޗަށް އެކުލަވާލައި ބަޖެޓް ކޮމެޓީ އަށް އެ ބޭންކުން ފޮނުވި ލަފާގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް 134.34 ޑޮލަރު އެކި ފަރާތްތަކުން ނެގުމަށް ހިމަނާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި 40 ޕަސެންޓަށް އުފުލޭނެ ކަމަށެވެ.

އެ ދަރަނިތައް އަދާކުރުމަށް އަންނަ އަހަރު ވެސް 73.83 މިލިއަން ޑޮލަރު ހަރަދުކުރަން ބަޖެޓްކޮށްފައިވުމުން އެކަމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވާއި ބެލެންސް އޮފްޕޭމަންޓަށް ނޭދެވޭ އަސަރުކޮށް ބޭރު ފައިސާގެ ބާޒާރަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

"ބަޖެޓް ޑެފިސިޓް އެކަށޭނަ މިންވަރަކަށް ކުޑަކޮށް، ލޯނު [ހާއްސަގޮތެއްގައި ކުރުމުއްދަތުގެ]ނަގައިގެން ޑެފިސިޓް ފައިނޭންސް ކުރުން ހުއްޓުމަކަށް ގެނައުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ،" ލަފާގައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ޑޮމެސްޓިކް ބާޒާރުން 1177.93 މިލިއަން ރުފިޔާ ސަރުކާރަށް ދަރަނީގެ ގޮތުގައި ނެގުމަށް ވަނީ ބަޖެޓްގައިކޮށްފަ އެވެ. އެހެން ނަމަވެސް މިއަހަރުގެ ބަޖެޓަށް ވެސް އާމްދަނީ ލިބެމުން އަންނަގޮތަށް ބަލާއިރު ޑޮމެސްޓިކް މާކެޓުން އެ އަދަދު ހޯދުމަކީ ދަތިކަމެއް ކަމަށް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނެފައި ވަނީ ވަގުތުން ވަގުތަށް އެ ފައިސާ ނުހޯދިއްޖެ ނަމަ ދައުލަތުގެ ލިކިއުޑިޓީ މެނޭޖްކުރުމަށް އެމްއެމްއޭގައި ހުންނަ، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ)އޭ ކުރުމުއްދަތައް އޯވަޑްރޯކުރެވި ޑެބިޓް ކުރެވެމުން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ބިރު އަންނަ އަހަރުވެސް ކުރިމަތިވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށެވެ.

"ދަރަނި ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން މިހާ ބޮޑު އަދަދެއް ހޯދަން ޖެހުމުގެ ސަބަބުން އާންމު ވިޔަފާރިތަކަށް ލޯނުދިނުމަށް އެކަށީގެންވާ މިންވަރަކަށް މަޑުޖެހިގެންދާނެ ކަމަށް ފާހަގަކުރެވެ އެވެ،" އެމްއެމްއޭއިން ދިން ލަފާގައިވެ އެވެ.

އަދި ފާހަގަކޮށްފައިވާ ގޮތުން އަންނަ އަހަރު ބަޖެޓްގައި ރިކަރަންޓް ހަރަދު ވަނީ މި އަހަރަށް ވުރެ 14 ޕަސެންޓް، 1.48 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެންމެ ބޮޑު ސަބަބެއްކަމުގައި ބެލެވިފައި ވަނީ މުވައްޒަފުންނާއި ޕެންޝަނަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވުމެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތައް 1.5 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިއީ މިއަހަރަށް ވުރެ 37 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އޮފީސްތައް ހިންގުމުގެ ރިކަރަންޓް ހަރަދަށް ވެސް އަންނަ އަހަރުވަނީ 30 ޕަސެންޓް އިތުރުކޮށްފަ އެވެ.

އެގޮތަށް ހަރަދުތައް އިތުރުވަމުން ދިޔުމުގެ ސަބަބުން މިއަހަރު ވެސް ބަޖެޓްގެ ކޭޝްފްލޯ މެނޭޖް ނުކުރެވިގެންދާ އިރު އިތުރަށް އެ ހަރަދުތައް ބޮޑުވުމަކީ އަންނަ އަހަރުގެ ކޭޝްފްލޯ މެނޭޖް ނުކުރެވިދާނެ ކަމުގެ ބިރު އޮތްކަމެއްކަމަށް ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އާމްދަނީއާ މެދު ކަންބޮޑުވުން ފާޅުކުރަމުން އެމްއެމްއޭގެ ރައުޔުގައި ބުނެފައި ވަނީ އަލަށް ލަފާކޮސްފައިވާ އާމްދަނީގެ ތެރެއިން މަޖިލީހުން އެޕްރޫވް ކުރަން ޖެހޭ ކަންތައްތައް ތަންފީޒް ނުވެއްޖެ ނަމަ ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޑިވިޑެންޓްގެ އަދަދު މިދިޔަ އަހަރަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެއަދަދަށް އާމްދަނީ ލިބިދާނެ ކަމަށް ނުފެންނަ ކަމަށްވެސް އެމްއމްއޭއިން ވަނީ ބުނެފަ އެވެ.

"މި 11.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން 2013 ވަނަ އަހަރު ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ލަފާކުރައްވާފައިވާ 12 ބިލިއަން ބިލިއަން މިއަށްވުރެ ދަށްކުރުމަށް ތިޔަ އިއްޒަތްތެރި މަޖިލީހުން ބާރުއެޅުއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި މި އޮތޯރިޓީން ދެކެމެވެ،" ރައުޔުގައިވެ އެވެ.

އެމްއެމްއޭ އިން ރައުޔުގައި ބުނެފައި ވަނީ ވެލްފެއާ ކަންތައްތަކަށް ހުރި ބަޖެޓް ކުޑަކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ފަރުމާކޮށްފައި ވަނީ "ޓޭގެޓެޑް ސަބްސިޑީ" ދިނުމަށާއި އަދި އާސަންދަ ނިޒާމް ހަރުދަނާ މިހާރަށް ވުރެ ރަނގަޅަށް ބައްޓަން ކުރާތީ ކަމަށެވެ.

ރިޕޯޓް ނިންމާލަމުން ބުނެފައި ވަނީ އަންނަ އަހަރު މަނިޓަރީ ސިޔާސަތު އިތުރަށް ތާށި ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ޕްރެކްޓިކަލް ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް ދައުލަތުގެ 2013 ވަނަ އަހަރުގެ ބަޖެޓްގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް މީލާދީ މަހެއްގެ ތެރޭގައި ޕީބީއޭ ގައި އެންމެ ގިނަވެގެން އޮންނަންވާނެ އޯވާޑްރާފްޓް ބާކީގެ މިންވަރު ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި މަހެއް ނިމޭއިރު އެންމެ ގިނަވެގެން އޯވަޑްރާފްޓްގައި ބާކީ އޮންނަންވީ 100 މިލިއަން ރުފިޔާ ކަމަށް ކަނޑައެޅުމަށް ވެސް ވަނީ ލަފާއަރުވައިފަ އެވެ.

ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީން މިހާރު ވެސް ދިރާސާކުރަމުން އަންނަ އިރު ބަޖެޓް ކޮމެޓީގައި ގިނަ މެންބަރުން ވިދާޅުވެފައި ވަނީ މި އަހަރުގެ ބަޖެޓް ބޮޑު ކަމަށާއި ބަޖެޓް 14 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޮމެޓީގައި ބަޖެޓާ މެދު މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައެއްނުވެ އެވެ.