ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިންޒާރު ދެއްވައި ބިރު ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ޑިފެންސަށާއި ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރު ދެއްވައި ބިރު ދެއްކި ކަމަށް ތުހުމަތުކޮށް އެ މައްސަލަ މި މަހުގެ ދެ ވަނަ ދުވަހު ޑިފެންސަށާއި ޕޮލިހަށް ހުށަަޅާފައިވާ ކަމަށެވެ.

"އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އިންޒާރު ދެއްވި މައްސަލަ މަޖިލީހުގެ އިދާރާ އިން ވާނީ މި މިހުގެ ދެ ވަނަ ދުވަހު ޑިފެންސް އަށާއި ޕޮލިހަށް ހުށަހަޅާފައި." އަމީންއާންމު ވިދާޅުވި އެވެ.

އަމީން އާންމު ވިދާޅުވީ އެ މައްސަލަ ޑިފެންސް އަށާއި ޕޮލިހަށް ހުށަހަޅަން ޖެހުނީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަކީ އެ ދެ މުއައްސަސާގެ މަސްއޫލީއްޔަތެއް ކަމަށް ވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގަ އާއި އެ ގޭގެ ގޯތި ތެެރެ އާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ބާރުތަކުންނެވެ." ގާނޫނު އަސާސީގެ 105 ވަނަ މާއްދފާގެ ހ.ގައި ބަޔާން ކޮށްފައިވެ އެވެ. އަދި އެ މައްދާގެ ށ.ގައި ބުނެފައި ވަނީ "ރައްޔިތުންގެ މަޖިލީޙުގެ މެންބަރުންގެ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަން ވާނެ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދާލަތު ޕާޓީގެ ރައީސް އިންޒާރު ދެއްވި ކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އަމީން އާންމު ވިދާޅުވީ މަޖިލީހުން އެ މައްސަލަ ޑިފެންސަށާއި ޕޮލިހަށް ފޮނުވީ އޭގެ ކުރިން ކަމަށެވެ.

މީގެ އިތުރުން އިމްރާންގެ އެ ވާހަކަތައް ކުށްވެރި ކުރައްވައި މަޖިލީޙުގެ ރައީސް އަބްދު ﷲ ޝާހިދު ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް މަޖިލީހުގެ މެންބަރުންނަށް އިންޒާރު ދެއްވާފައި ޖީއެމްއާރާއި ދެކޮޅަށް ގައުމީ ހަރަކާތުގެ ނަމުގައި އިމްރާން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމްރާން އެ ރޭ ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާ އާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރަން ވޯޓު ދެއްވާ މެމްބަރުންނަކީ "ގައްދާރުން" ކަމަށާއި އަދި އެއީ ގައުމުގެ ޙާއިނުން ކަމަށާއި އެބޭފުޅުން ފަހާ ދުވާނެ ކަމަށެވެ.