11 Dec 2012, 16:20
މާލޭގެ އެކި ސަރަހައްދު ތަކުގައި ވިޔަފާރި ކުރުމަށް ބަހައްޓާފައިހުރި ގާޑިއާ ތަކުގެ މަހުކުލި 6،000ރ އަށް ކުޑަކުރުމަށްފަހު އެ ގާޑިއާ ތަކުގެ ވެރިފަރާތާއި އެކު އެއްއަހަރު ދުވަހުގެ އެގްރިމެންޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މާލޭގައި ވިޔަފާރިކުރުމަށް ބަހައްޓާފައިހުރި 31 ގާޑިއާ މީގެ ތިންމަސް ކުރިން ސިޓީ ކައުންސިލުން ވަނީ ބިޑަށް ހުޅުވާލާފައި އެވެ. އެފަހަރު ބިޑަށް ހުޅުވާލުމުން މިހާރު އެ ގާޑިއާތައް ކުއްޔަށް ނަގައިގެންތިބި މީހުންވަނީ ސިޓީ ކައުންސިލަށް އެކަމާއި ދެކޮޅަށް ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ސަން އަށް ވިދާޅުވީ ގާޑިއާ ތަށް ކުއްޔަށް ދިނުމުގައިވެސް މިހާރު ހިފައިގެން ތިބި ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ގާޑިއާތަައް ބިޑަށް ހުޅުވާލުމުން ވަރަށްމަތީ އަގުތަށް އެކި ފަރާތްތަކުން ހުށަހެޅި ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދާތީ މިހާރު ހަމަޖައްސާފައި އޮތީ އެމީހުން ހުށަހެޅި އަގުތަށްވެސް ކުޑަކޮށް އަދި ޑިޕޮސިޓް ފައިސާގެ ގޮތުގައި އެއްފަހަރާ ދައްކަން އެންގި 20،000ރ ވެސް އެއް އަހަރު ދުވަހަށް ބަހާލައިގެން ދައްކާ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ނިންމީ 31 ގާޑިއާ ވެސް އެވްރެޖް އަގެއްގައި ދޫކުރަން. މިހާރު އެންމެންވެސް ދައްކަންޖެހޭނީ އެއް އަގެއް. އަދި ޑިޕޮސިޓް ފައިސާގެ ގޮތުގައި ދައްކަން އެންގި ފައިސާވެސް އެއްއަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށްވެސް ނިންމައިފިން،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ މިހާރު ބޭނުންކުރާ ގާޑިއާ ތަކުގެ ބަދަލުގައި އެންމެންނަށް އެއް ޑިޒައިނެއްގެ ގާޑިއާ ތަކެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަލަށް ގެންނަ ގާޑިއާތައް ވަރަށް އަވަހަށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.