11 Dec 2012, 15:21
ކައުންސިލްތައް ހިންގުމުގަ އާއި ލާމަރުކަޒީ ނިޒާމުގައި ކޮށްފައިވާ ތަޖްރިބާ ހިއްސާކޮށް ކައުންސިލްތައް ހިންގުމުގައި ލާމަރުކަޒީ ނިޒާމް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކަސްޓަމްސްގެ ރިކްރިއޭޝަން ހޯލްގައި ބާއްވާ އެ ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ލޯކަލް ގަވަމެންމެންޓް އޮތޯރިޓީގެ ބޯޑު މެމްބަރުންގެ އިތުރުން ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކުން އިސް ވެރިއެކެވެ.
މިއަދު ފެށުނު މަޝްވަރާ ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވުމަށް ފަހު ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ހަސަން ދީދީ ވިދާޅުވީ ލޯކަލް ގަވާމެންންޓް އޮތޯރިޓީގެ އޮނިގަނޑުތަކަށް އަމަލު ކުރުމުގައި އެއް އުސޫލަކުން ކަންތައްތައް ކުރަން ބޭނުން ވިޔަސް ގިނަ ދާއިރާތަކުގައި ތަފާތު ގޮންޖެހުންތަކެއް ހުރިކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ފެށި މަޝްވަރާ ބައްްދަލުވުމުގެ ތެރެއިން އެކަމަށް ދިމާވާ ދަތިތަކަށް ހައްލުހޯދަން ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.
"އޮނިގަނޑުތަކަށް އަމަލުކުރުގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެއްގޮތަކަށް އެއް އުސޫލަކުން ކަންތައްތައް ކުރަން ބޭނުންވޭ. ނަމަވެސް ތަފާތު ދާއިރާތަކުގައި ތަފާތު ގޮންޖެހުންތައް އެބަހުރި ނައްތާލަން ޖެހޭ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.