11 Dec 2012, 14:50
މާލޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކަށް ހައުސިން މިނިސްޓްރީން ދަތިތަކާ ކުރިމަތިކުރުވަމުންދާ ކަމަށް ބުނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަަލަ ބަލައިދިނުމަށް އެދި ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެމައްސަލަ އިއްޔެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
އެކޮމިޓީގެ މުގައްރިރު އަލީ ވަހީދަށް ސިޓީ ކައުންުސިލުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެކަައުންސިލްގެ ޒިންމާގެ ދަށުގައިވާ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ސަރުކާރުގެ މިނިސްޓްރީތަކުން، ވަކިން ހާއްސަކޮށް ހައުސިން މިނިސްޓަރު ހުރަސްއަޅަމުން ގެންދާ ކަމަށެވެ. އަދި އެކަންތައްތައް ހިންގަމުންދާ ގޮތް ބަލައިދިނުމަށް ވެސް އެދިފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލަށް ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ދޭންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެކަމާ ގުޅިގެން އެކައުންސިލުން އެކުލަވާލައިފައިވާ ރިޕޯޓެއް ވެސް އެސިޓީއާ އެކު ވަނީ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ލޯކަލް ގަވާންމަންޓް އޮތޯރިޓީއަށްވެސް ހުށަހަޅައިފަ އެވެ.
އެރިޕޯޓްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލުމާއި ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމާއި ބަޖެޓްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ކުރުމާއި ލޭންޑް ޔޫސް ޕްލޭނާ ތައާރަޒުނުވާ ގޮތުގެ މަތިން ބިންދޫކުރުމާއި ބިމާއި އިމާރާތް ރަޖިސްޓްރީކޮށް ދިނުމަކީ އެކައުންސިލްގެ ޒިންމާއެއް ކަމަށް ކަނޑައަޅާފައިވާއިރު 07 ފެބްރުއަރީގެ 2012 ގެ ފަހުން ހައުސިން މިނިސްޓްރީގެ އަމަލުތައް ހުރީ އެކަައުންސިލްގެ ޒިންމާތަކާ ތައާރަޒުވާ ފަދަ ގޮތަކަށް ކަމަށެވެ.
މީގެއިތުރުން ހިއުމަން ރިސޯސް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ލޯކަލް ގަވާންމަންޓް އެތޯރިޓީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާތައް އަަދާކުރުމުގައި އެއްބާރުލުން ނުދޭ ކަން ވެސް އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ހައުސިން މިނިސްޓަރުގެ މައްސަލައެއް މަޖިލީހަށް ސިޓީ ކައުންސިލުން ހުށަހަޅާފައިވާއިރު މާލޭގެ ބައެއް ބިންތައް ސިޓީ ކައުންސިލުން ބޭނުންކުރަނީ ގަވާއިދާ ހިލާފަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.