އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ރާއްޖެ އަށް ލިބިއްޖެ އެވެ.

އެކައުންސިލްގެ ނައިބު ރައީސުން ހޮވުމަށް ހޯމަ ދުވަހު ނެގި ވޯޓުން ހޮވިފައި ވަނީ ރާއްޖެއާއި މޮރިޓޭނިއާއާއި އިކުއެޑޯއާއި ސްވިޒަލޭންޑް ކަމަށް އދ. އާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.

ސާޅީސް ހަތް ގައުމު ހިމެނޭ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ޗެއާމަންކަން އިއްޔެގެ އިންތިހާބުގައި ލިބުނީ ޕޮލެންޑަށެވެ.

ރާއްޖެ އާއި މޮރިޓޭނިއާ ދެ ގައުމަކީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައަޅައި މުރުތައްދުވާ މީހުންނަށް، ގާނޫނުގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ދެ ގައުމު ކަމަށް ވާތީ ދެ ގައުމަށް އެ މަގާމު ލިބުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކަމަށް ބުނާ ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.

ދީނެއް ގަބޫލު ނުކުރާ މީހުންނާއި ހިއުމަނިސްޓުންނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ކަންތައްތަކާ ބެހޭ ގޮތުން އިންޓަނޭޝަނަލް ހިއުމަނިސްޓް އެންޑް އެތިކަލް ޔޫނިއަން (އައިއެޗްއީޔޫ) އިން އެކުލަވާލައި އދ. އަށް ހުށައެޅި ރިޕޯޓެއްގައި ރާއްޖެ އާއި މޮރިޓޭނިއާ ދެގައުމު ކަމަށް ވަނީ ބުނެފަ އެވެ.

އަދި އެރިޕޯޓަށް ދީނީ މިނިވަންކަމާ ބެހޭ އދ.ގެ އިންވެސްޓިގޭޓާ މަރުހަބާ ވިދާޅުވެފައިވާ ކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްކޮންފަރެއްސެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ޖެނީވާގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވައިސް ޗެއާކަން ރާއްޖެ އަށް ލިބުމުން ދޭހަވަނީ އިންސާނީ ހައްގުތަކަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތް ބަލައި ގަންނަ މިންވަރު ކަމަށެވެ.