ސިވިލް ސަރވަންޓުންގެ މުސާރަ މި އަހަރު ތެރޭ ބޮޑުކުރާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވައިފި އެވެ.


އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ރައީސް ނަޝީދު ދެއްވާ ރޭޑިއޯ ޚިތާބުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރުމަށް އުފައްދާފައިވާ ކޮމިޓީގެ މަސައްކަތްތަކުގެ ބައްލަވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަން ނުވަތަ ސީއެސްސީގެ މެމްބަރުންނާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިޢާދަ ކުރުމުގެ ކަންތައް އެ ކޮމިޝަނުން ފާހަގަކުރާ ކަމަށެވެ. އަދި އޭގެ އަނެއްކޮޅުން، ހަތް ބިލިއަނަށް އާމްދަނީ އެރީމަ މުސާރަ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ފާހަގަކުރައްވަމުން ގެންދަވާތީ، މި އަހަރުގެ ތެރޭގައި "އެކަން އެގޮތަށް ހިނގާފާނެ" ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.  


ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވެސް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު މި ދެއްވީ، އަންނަ އަހަރު އޮފީސްތަކުގެ ބަޖެޓު ތައްޔާރުކުރާ އިރު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިން ލިބެމުން އައި "ހަމަ މުސާރައާއި އިނާޔަތްތައް" ހިމަނައިގެން ތައްޔާރުކުރުމަށް ސީއެސްސީން ޕާމަނަންޓް ސެކްރެޓެރީންނަށް އަންގައިފައިވަނިކޮށެވެ. އަދި އަންނަ އަހަރު ހަމަ މުސާރަ އެ މުވައްޒަފުންނަށް ދިނުމު ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ބުނެފައިވަނިކޮށެވެ.


ގައުމަށް "ޚާއްސަ އިގްތިސާދީ ހާލަތެއް" މެދުވެރިވެފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ ސިވިލް ސަރވަންޓުންނަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން ދިހަ ޕަސަންޓާ ފަނަރަ ޕަސަންޓާ ދެމެދުގެ އަދަދެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުނިކޮށްފަ އެވެ. ނަމަވެސް، ތިން މަސްދުވަހުގެ މުއްދަތަކަށް ސަރުކާރުން ކުޑަކުރި އެ މުސާރަ އާއި އިނާޔަތްތައް ކުރިން ހުރި މިންވަރަށް އަނބުރާ ރުޖޫއަ ނުކުރާތާ މިވަނީ އަހަރެއްހާ ދުވަސްވެފަ އެވެ.


ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ، ސިވިލް ސަރވަންޓުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިން ހުރި މިންވަރަށް ސީއެސްސީން ރުޖޫއަކޮށް، މުވައްޒަފުންނަށް އެ މުސާރަ ހޯދައިދިނުމަށް ތަފާތު ގޮތްގޮތުން މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެކަންތައް ވަނީ އަދި ކާމިޔާބުކުރެވޭ ގޮތް ނުވެފައި ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ތެރެއިންނާއި ކޯޓުތަކުގެ ބޭރުން މި މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.