11 Dec 2012, 13:13
ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ މުވައްޒަފުނަށް 65 އަހަރު ވުމުގެ ކުރިން އަސާސީ ޕެންޝަންގެ ފައިސާ ނެގޭނެ ޝަރުތުތައް ބަޔާންކޮށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަޅައިފި އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މިނިވަން މެންބަރެއް ކަމުގައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ 14 ވަނަ މާއްދާ އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މުސާރަ އިން ޕެންޝަން ސްކީމަށް ދައްކަމުން ދިޔަ ފައިސާގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ނެގުމުގެ އިހްތިޔާރު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ފައިސާ ނެގނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހައްޖަށް ދިއުމަށާއި ބޭސްފަރުވާ ކުރަންޖެހޭ ހާލަތެއް މެދުވެރިވުމާއި މަތީ ތައުލީމު ހާސިލް ކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޕެންޝަން ފައިސާ ނެގިދާނެ ކަމަށެވެ. އަމިއްލަ ވިޔަފާރި ކުރުމަށް ޕެންޝަންގެ ފައިސާ ނެގޭނީ ވަކި މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހަކު ދާއިމަށް އެ މަގާމުން ވަކިވެއްޖެ ހާލަތެއްގަ އެވެ. އަދި ޝަރުއީގޮތުން ބަލަދުވެރިކަން އަރާ މީހަކަށް ބޭސްފަރުވާ ކުރުމަށާއި މަތީ ތައުލީމު ހާސިލް ކުރުމަށް ވެސް ޕެންޝަން ފައިސާ ނެގޭނެ ކަމަށް އިސްލާހުގައިބުނެ އެވެ.
ޕެންޝަން ފައިސާ ލިބިދެވޭނެ ނިސްބަތާއި އުސޫލުތައް ބަޔާން ކުރާ ގަވާއިދެއް ޕެންޝަން އޮފީހުން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ޕެންޝަން ސުކީމް އިހްތިޔާރީ އެއްޗަކަށް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު މިދިޔަ އަހަރުގެ ކުރީކޮޅު އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ އިސްލާހު ކޮމެޓީން ދިރާސާކޮށް ތަޅުމަށް ހުށަހަޅުމުން މަޖިލީހުން ފާސްކުރީ އެ ގާނޫނަށް އިސްލާހު ގެންނަން ނުފެންނަ ކަމަށެވެ.