11 Dec 2012, 12:42
ކަނޑުގެ އަޑިން ފެންނަގައިގެން ހަކަތަ އުފައްދާ ނިޒާމް، ޑީޕްސީ ވޯޓާ ޔުޓިލައިޒޭޝަން ސިސްޓަމެއް ރާއްޖޭގައި ތައާރަފް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ތިމާވެއްޓާ ރަހުމަތްތެރިކޮށް ކަރަންޓް އުފެއްދުމަށް އެހީތެރިވެދޭ ޖަޕާނުގެ، ބައިލެޓްރަލް އޯފްސެޓް ކްރިޑިޓް މެކޭނިޒަމް (ބީއޯސީއެމް) އިން ވަނީ އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އިއްޔެ މަހާސިންތާއެއް ބާއްވައިފަ އެވެ. އެ މަހާސިންތާގައި ތިމާވެއްޓާ ރައްޓެހިކޮށް ކަރަންޓް އުފެއްދުމަށް "ހިޓާޗީ" ކުންފުނިން ބޭނުން ކުރާ ތަފާތު އާލާތްތަކުގެ މައުލޫމާތު ވަނީ ދީފަ އެވެ.
ބީއޯސީއެމްގެ އެހީގައި ހިންގާ އެ ޕްރޮޖެކްޓް ހިންގާނީ އެމްޑަބްލިއުއެސްސީންނެވެ.
މަހާސިންތާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ޖަޕާނު ސަރުކާރާއި ހިޓާޗީ ގުޅިގެން ހިންގޭ ޕްރޮޖެކްޓްގެ ތެރެއިން ފެށޭ އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ފައިދާ ތަކެއްވާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ތައާރަފްކުރާ "ޑީޕް ވޯޓާ ކޫލިން ސިސްޓަމް" ބޭނުން ކުރަން ފެށުމުން މަސް ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ ޑީސަލް އަށް ބަރޯސާވާ މިންވަރު ކުޑަ ކުރެވޭނެ ކަމަށެވެ.
"މިޕްރޮޖެކްޓްގެ ދަށުން ޑީޕް ވޯޓަރ ކޫލިންގް ސިސްޓަމް ބޭނުން ކުރަން ފެށުމުން ޑީސަލަށް ބަރޯސާ ވެފައިވާ މިންވަރު ވަރަށް ކުޑަ ކުރެވޭނެ. ރާއްޖޭގެ މަސްވެރި ކަމުގެ ސިނާއަތަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ މި ކަމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތިމާވެއްޓާއި ރައްޓެހި އެ ސިސްޓަމްގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވި ކަރަންޓު ބޭނުންކުރާ މިންވަރުވެސް 60 ޕަސެންޓު މަދު ކުރެވޭނެ ކަމަށް އެމްޑަބްލިއެސްސީން ބުންޏެވެ.