11 Dec 2012, 12:27
މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފްޓްބޯޅަ މުބާރާތުގެ ފައިނަލްމެޗުގައި ޕާކިސްތާނު ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ކަނޑައެޅި ހަތް މިނިޓާއި އަދި އޭގެ އިތުރުން ކުޅުވި ފަސް ވަރަކަށް މިނިޓަކީ ހަޔާތުގައި މިހާތަނަށް އައި އެންމެ އުނދަގޫ ވަގުތު ކޮޅު ކަމަށް ޗެމްޕިއަންކަން ހޯދި ދިވެހި ޒުވާން ޓީމުގެ ކެޕްޓަން ހަސަން އަދުހަމް ބުނެފި އެވެ.
ސަން އޮންލައިނަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޒުވާން ކުޅުންތެރިއާ އަދްހަމް ބުނީ ފައިނަލް މެޗުގެ ފަހު 12 މިނަޓަކީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅެއް ކަމަށެވެ.
"އެ ބާރަ މިނަޓަކީ އަދި ހަޔާތުގައި އައި އެންމެ އުނދަގޫ ވަގުތު ކޮޅު. އެއީ އެންމެން ވެސް ތިބީ ވަރަށް ވަރުބަލިވެފައި، ގިނަ މެޗުތަކެއް ކުޅުމަށް ފަހު. އެހެން ވީމާ ވަރުބަލި ވެސް ވާނެ. އެކަމަކު ވެސް އެއްވެސް މީހަކު އެއްވެސް ވަރަކަށް ހިތްވަރު ދުލެއް ނުކުރޭ. މަސައްކަތް ކުރީ ހަމަ މޮޅުވާން،" ކަމަށެވެ.
ޒުވާން ކެޕްޓަން ބުނީ މުބާރާތުގެ ފުރަތަމަ ދެ މެޗުން މޮޅުވުމުން ދެން އުއްމީދަކަށްވީ މުބާރާތުގެ ފައިނަލް މެޗުގައި ކުޅުން ކަމަށެވެ. އަދި ވިސްނީ ފައިނަލް މެޗުން މޮޅުވުމަށް ކަމަށެވެ.
"ފުރަތަމަ ދެމެޗުން މޮޅުވުމުން ދެން އުއްމީދު ކުރީ ފައިނަލަށް. އަދި ހަމަ ވިސްނީ ވެސް ފައިނަލް މެޗާ ދޭތެރޭ. ފައިނަލަށް ދިޔުމުން ވަރަށް ބޮޑު އުއްމީދެއް ވެސް އޮތް އަދި ވަރަށް ހިތްވަރު ވެސް ކުރިން މޮޅުވާނެ ކަމަށް،" ޒުވާން ކެޕްޓަން ސަން އޮންލައިން އަށް ކިޔައި ދިވެނެވެ.
"ޗެމްޕިއަންކަން ލިބުމުން ވަރަށް ވަރަށް އުފާވި. ޓީމުގެ ހުރިހާ ކުދިން ވެސް ތިބީ ވަރަށް އުފާ ވެފައި،" ޗެންޕިއަންކަން ލިބުމުން ހިތުގައިވާ އުފާވެރި ޝުއޫރުތައް ފާޅުކުރަމުން އަދުހަމް ބުންޏެވެ.
ފައިނަލު މެޗުގެ 56 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ރާއްޖެ އަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ބަދަލުކޮށްލަދިން ޓީމުގެ އެއް ވައިސް ކެޕްޓަން ރިލްވާ ވަހީދު (ރިލޭ) ބުނީ "އެ ފްރީކިކް ޖެހުމުގެ ކުރިން ވެސް އެ ފްރީކިކް އިރާދަ ކުރެއްވިއްޔާ ވައްދާ ލާނެ" ކަމަށް އަދުހަމުކައިރީގައި ބުނި ކަމަށާއި "އެހެން ބުނެފައި އެ ގޯލް ޖެހީ ވަރަށް ޔަގީން ކަމާ އެކު" ކަމަށެވެ.
ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި ޕާކިސްތާން އަދި ބަންގުލާދޭޝް ބައިވެރިވި އެ މުބާރާތުގެ ޗެމްޕިއަން ކަން ހޯދި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މާލޭ ވައިގެ ބަނދަރުން މަރުހަބާ ކިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނެވެ. އަދި ޒުވާން ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ވަނީ ރޭ ޖުމުހޫރީ މައިދާނަށް އެއްވެފަ އެވެ.