11 Dec 2012, 11:55
ގެއްލިގެން ހޯދާތާ ހަފްތާއެއްހާ ދުވަސް ފަހުން ލަންކާގެ މަސްބޯޓަކަށް ފެނުނު، ސ. މަރަދޫ ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ގޮވައިގެން ގޯސްޓްގާޑަށް ރާއްޖެ އާދެވޭނީ މިރޭގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ސްރީލަންކާ ބޯޓު އޮތް ހިސާބަށް ކޯސްޓްގާޑަށް ދެވުނީ އިއްޔެ އިރުއޮއްސި 6:15 އެހާކަންހާއިރު ކަމަށެވެ. އަދި އަށް މީހުންނާ އެކު ރާއްޖެ އައުމަށް ކޯސްޓްގާޑު ފުރާފައި ވަނީ އިއްޔެ އިރުއޮއްސި 6:57 އެހާކަންހާއިރު ކަމަށާއި އަށް މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިއްޔެގެ ވަގުތެއްގައި ކޯސްޓްގާޑް ހުރަވީ ލަންކާ ބޯޓު އޮތް ހިސާބަށް ދަތުރުކޮށް އިރުއޮއްސި 6:15 އެހާއިރު ބޯޓުގައި ތިބި އަށް މީހުން ކޯސްޓްގާޑުގެ ޝިފް ހުރަވީ އަށް ނަގައިގެން ރާއްޖެއަށް ދަތުރުކުރު ކުރުމުގެ މަސައްކަތް 6:57 އެހާކަންހާއިރު ވަނީ ފަށާފައި. އަށް މީހުންގެ ހާލު އިރާދަކުރެއްވިއްޔާ ރަނގަޅު. މިހާރު ކޯސްޑްގާޑް ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދިމާލަށް އައުމަށް. މިރޭގެ ވަގުތެއްގައި ހިކިފަސްތަނަކާ ހިސާބަށް އާދެވޭނެކަމަށް މި ބަލަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯސްޓްގާޑު އެ ސަރަހައްދަށް ދިޔައިރު ވެސް ހިތްވަރު ބޯޓު ފެންނަން ނެތް ކަމަށާއި ސިފައިން އެންމެ އިސްކަމެއް ދިނީ ބޯޓުން ދަތުރު ކުރި މީހުން ސަލާމަތްކޮށް ރާއްޖެ ގެނައުމަށް ކަމަށެވެ. އަދި އެ ބޯޓާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެމްއެންޑީއެފަށް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ހިސާބަށް ދިޔައިރު ވެސް ބޯޓު ފެންނާކަށް ނެތް. އަޅުގަނޑުމެން އެންމެ އިސްކަމެއް މިދިނީ މީހުން ސަލާމަތް ކޮށްގެން ގެނައުމަށް. ބޯޓާއި ބެހޭ އިތުރު މައުލޫމާތެއް ނެތް މިހާރަކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ހިތްވަރު ބޯޓުން ޖުމްލަ 10 މީހަކު ދަތުރު ކުރި އިރު އޭގެތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ ބަންގްލަދޭޝްގެ މީހަކާއި ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 76، އެވެ.
މިހާރު ކޯސްޓްގާޑުން ރާއްޖެ ގެންނަ މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ ތިން މީހަކާއި 11 އަހަރުގެ ކުއްޖެއް ކަމަށްވާ ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42، އެވެ.
ބަންގްލަދޭޝްގެ މީހާ އާއި ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ މަރުވެފައި ވަނީ ބޯޓު އަޑިއަށް ދާން ފެށުމުން އެންމެން ޑިންގީއަށް އަރައި ތިއްބާ ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މަރުވި ދެ މީހުން ކަނޑަށް ދޫކޮށްލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.