11 Dec 2012, 11:52
ޕްރޮގުރޮސިވް ޕާޓީ އޮފް މޯލްޑްވްސް (ޕީޕީއެމް)ގެ ނައިބު ރައީސް ކަމަށް އެ ޕާޓިގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަހްމަދު ނިހާނު ހަސަން މަނިކާއި އެ ޕާޓީގެ އިންތިގާލީ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވާދަ ކުރައްވަން ނިންމައިފި އެވެ.
ޕާޓީގެ އިސް މަގާމުތަކަށް މެންބަރު އައްޔަން ކުރުމަށް އަންނަ މަހު ބާއްވާ އިންތިހާބުގައި އެ ދެ ބޭފުޅުން ވެސް ވާދަކުރައްވަން ނިންމަވާފައިވާ ކަން ސަން އޮންލައިނަށް އެ ދެ ބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ސަން އޮނަލައިނަށް ދެއްވި އިންޓަވިއުގައި ނިހާނު ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަށް ނިންމެވީ އެ ޕާޓީގެ ލީޑަޝިޕުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފިކަން ގަބޫލު ކުރެއްވިގެން ކަމަށެވެ.
ޑީއާރުޕީ އާއި ޕީޕީއެމްގައި ވެސް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އަރިހުގައި މަސައްކަތް ކުރައްވާފައި ވާނީ އިހްލާސްތެރިކަމާ އެކު ކަމަށާއި އެކަން ޕީޕީއެމްގެ މެންބަރުން ވެސް ގަބޫލު ކުރާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
"އަޅުގަނޑު އަމިއްލަ އަށް ގަބޫލު ކުރެވޭ މިހާރު ޕާޓީގެ އިސް ލީޑާޝިޕުގައި މަސައްކަތް ކުރަން ވެއްޖެކަމަށް. އަޅުގަނޑު ވާނީ ޑީއާރުޕީގައި ވެސް އަދި ޕީޕީއެމް އުފެދިގެން އައިސް އެ ޕާޓީގައި ވެސް އިހްލާސްތެރިކާމާ އެކު މަސައްކަތްކޮށްފައި. މި ވަގުތު އަޅުގަނޑު ގަބޫލު ކުރަނީ މެންބަރުން ވެސް އަޅުގަނޑަށް ފުރިހަމަ އަށް އިތުބާރު ކުރާނެ ކަމަށް. އަދި އެ މަގާމަށް އިންތިހާބު ކުރައްވާނެ ކަމަށް،" ނިހާނު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާ ވެސް އެ މާގަމަށް ކުރިމަތިލުމަށް ނިންމީ ޕާޓީއަށް އިހްލާސްތެރި މަސައްކަތް ކޮށްދެވިއްޖެ ކަމަށް ގަބޫލު ކުރެވިގެން ޕާޓީ އަށް މަސައްކަތްތަކެއްކޮށްދިނުމުގައި ދެމިހުރުމަށް ބޭނުން ވެވަޑައިގެން ކަމަށެވެ.
"އަޅުަގަނޑު ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް މި ނިންމީ މި ޕާޓީ އަށް ހިދުމަތްކުރަަން ބޭނުންވާތީ؛" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ މަގާމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން އަހްމަދު މަހްލޫފް ވެސް ވާދަ ކުރައްވާނެ ކަން މީގެ ކުރިން މީޑިޔާގައި ވަނީ ވިދާޅުވެފަ އެވެެ.
ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ދެ މަގާމަށް މެންބަރުން އިންތިހާބު ކުރާނީ ޕާޓީގެ ގައުމީ ޖަލްސާ އިންނެވެ.