ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅު 32 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ މެޗު 54 ޕޮއިންޓު 62 ޕޮއިންޓުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް ޓީ-ރެކްސް ބާސްކެޓްބޯޅަ ކުލަބު މެޗު ކާމިޔާބު ކޮށްފި އެވެ.

ޓީ-ރެކްސް އަށް މި މެޗުގައި އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާމިނަތު ޝިއުރާ އެވެ. އޭނާ ވަނީ 29 ޕޮއިންޓު ހޯދާ ދީފަ އެވެ. މި މެޗުގައި ވިކްޓަރީ އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 25 ޕޮއިންޓު ހޯދާދިން ނަޝްފާ އާމިރު އެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މާދަމާ ހަވީރު އެވެ. ގޫޑީސް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މި މެޗު ފެށުމަށް ހަމަ ޖެހިފައި ވަނީ ހަވީރު ހަތަރު ގަޑި ފަނަރައިގަ އެވެ.