އެސްއެމްއެސްއިން ވޯޓުލެވޭގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންތިހާބުގެ ގޮތުގައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މިއަދު ފަށައިފި އެވެ.


އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފެށީ މެންދުރު 2:00 ގައި. އަދި ވޯޓުލުން މިރޭ 7.00 އާ ހަމަޔަށް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވޯޓުލައި ނިމޭތާ ދެ ގަޑިއިރުގެ ތެރޭގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއްލާން ކުރެވޭނެ ކަމަށާއި، ސައުވީސްގަޑިއިރުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.


މި އިންތިޚާބަކީ މުޅިން އިލެކްޓްރޯނިކްކޮށް، އެސްއެމްއެސްގެ ޒަރީއާއިން ވޯޓުލެވޭ ގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބު ކަމުން ވޯޓުލާ މަރުކަޒުތަކުގައި، ވޯޓުލުމަށް ޚާއްސަ ފޯނެއް ބާއްވާފައި އޮންނާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެރަށެއްގައި ހުންނަ ޕޯލިންގ ސްޓޭޝަނަކުން ވޯޓު ލެވޭނީ އެރަށެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންނަށް ކަމަށާއި، މާލޭގައި މާލޭ ދާއިރާތަކުގެ އިތުރުން ހުރިހާ އަތޮޅުތަކެއްގެ ދާއިރާތަކެއްގެ ކެނޑިޑޭޓުންނަށް ވޯޓުލުމަށް ޚާއްސަކޮށް ރަޖިސްޓްރީކޮށްފައިވާ ފޯނުތައް ކަލާފާނު ސްކޫލުގައި ހުންނަ ޕޯލިންގ ސްޓޭޝަންތަކުގައި ހުންނާނެ ކަމަށް ވެސް ކޮމިޓީން މައުލޫމާތު ދިނެވެ. އަދި ޕޯލިންގ ސްޓޭޝަންތަކަށް ވޯޓުލުމަށް ދާން އުޒުރުވެރިވާ މެމްބަރުންގެ ތެރެއިން އެމްޑީޕީ ސެކްރެޓޭރިއަޓްގައި ފޯނު ނަންބަރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެންވެސް މި ވޯޓުލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޓީން ބުނެ އެވެ.