ރައީސުލް ޖުމްހޫރިއްޔާއާ ވަޒީރުންގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓުތައް ސިއްރު ނުކުރަން މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ދެވަނަ ފަހަރަށް އެ އިސްލާހު މަޖިލީހަށް ހުށަހެޅުނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރިން އަމަލު ކުރައްވަމުން ގެންދެވި އުސޫލެއްގެ ސަބަބުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިޓީވީގައި ރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓުތައް ސިއްރު ނުކުރެވޭނެކަމަށް ފާސްކޮށްފައި ވަނިކޮށް ދެވަނަ ފަހަރަށް އެ އިސްލާހު މަޖިލީހަށް ހުށަހެޅުނީ މަޖިލީހުގެ ގަވާއިދުގައި ވަކި އުސޫލުތަކެއް ހުއްޓާ އިދާރީ ފަސޭހައަކަށް ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަންކަމުގައި ވަކިގޮތަކަށް އަމަލު ކުރައްވަމުން ގެންދިއުމުން ކަމަށެވެ.

"އެއީ މަޖިލީހުގެ ގަވާއިދުގައި ކަމާ ބެހޭގޮތުން ބައެއް އުސޫލުތައް ހުއްޓާ އިދާރީ ފަސޭހައަކަށްޓަކައި ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދިޔަ އުސޫލުތަކެއްގެ ސަބަބުން މި ހެއްވާ ނަތީޖާ އަންނަނީ،"ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅާކަމަށް ވާނަަމަ ޖެހޭނީ މަޖިލީހަށް ގަރާރެއް ހުށަހަޅަން ކަމަށާއި ގަރާރެއް ވެސް ފާސް ނުވާކަމަށް ވާނަމަ އެކަމުގައި ވެސް އަމަލު ކުރަންވާނީ މަޖިލީހަށް ބިލްތައް ހުށަހަޅާއިރު އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ.

"ގަވާއިދަށް އިސްލާހެއް ހުށަހަޅާ ކަމަށް ވަންޏާ މިޖެހެނީ މެންބަރަކު ނުވަތަ މަޖިލީހުގެ ރައީސަކު ހުށަހަޅަން. އެކަން ކުރަން ޖެހޭނީ ގަރާރެއް މެދުވެރިކޮށޭ. ގަރާރު ހުށަހަޅަން ޖެހޭނީ މަޖިލީހަށޭ. މަޖިލީހަށް އެ ބަލައިގަންނަން ފެންނަންޏާ އޭ ކޮމެޓީއަކަށް ފޮނުވާނީ. ކޮމެޓީން ގެނައިމަ ވޯޓަށް އަހާނީ. މަޖިލީހުން ފާސް ނުވާކަމަށް ނިންމައިފިއްޔާ ގަރާރަށް ހިނގާނީ ބިލަށް ހިނގާ އުސޫލޭ. އެއްފަހަރު އެ ބިލަށް އެއް ދައުރެއްގައި ނޫނެކޭ ބުނެފިއްޔާ އެ ދައުރަކަށް ބިލެއް ނުވެއްދޭނެ،" ނަޝީދު ވިދާޅުވި އެވެ.