11 Dec 2012, 10:44
ޑރ. އަފްރާޝީމަކީ ރާއްޖޭގައި އުފެދުނު ދީނީ ދަންނަ ބޭކަލުންގެ ތެރެއިން “ފިޤްހް" އިލްމުގެ ބައްޕަ އެވެ. ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ދުވަހުން ފެށިގެން ޝަހީދު ކޮށްލުމާ ހަމައަށް ވެސް އިސްލާމްދީނާއި ގައުމުގެ ހައްގުގައި މަޖިލީހުގެ ތެރެއިންނާއި ބޭރުން ވަކާލާތު ކުރެއްވި ލީޑަރެކެވެ. ސިޔާސީ މައިދާނަށް ނިކުންނެވުމަށް ފަހު އެއްގޮތެއްގައި ދެމިހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ މަނިކުފާނުގެ އަގުހުރި ޚިދުމަތްތައް ރައްޔިތުން ބަލައިގަތީ ކިހާ ވަރަކަށްތޯ އެއީ ސުވާލެކެވެ. އެމަނިކުފާނު ދެއްވި ދަރުސްތަކާއި ދެއްވި ނަސޭހަތްތަކުން އެއްބައެއްގެ ހިތްތަކުގައި އީމާންތެރިކަމުގެ ކުރިފަޅައި ހެދެމުން ދިޔައިރު އަނެއް ބައެއްގެ ހިތްތަކުގައި އެމަނިކުފާނާ މެދު އުފެދުނީ ރުޅިވެރިކަމާއި ހަސަދަވެރިކަންތޯ އެއީ ވެސް ސުވާލެކެވެ.
ޑރ. އަފްރާޝީމް ދުނިޔޭގައި ހުންނެވި އިރު ދިޔައީ އިންޒާރުގެ މެސެޖްތައް ލިބެމުންނެވެ. މަގުމަތިން ވަޑައިގަންނަވަނިކޮށް ކާރުކޮޅަށް ގާ އުކައި އެވަރުން ނުފުދިގެން އެތައް ފަހަރެއްގެ މަތިން ދަރިންގެ ކުރިމަތީގައި ހަށިކޮޅަށް އަމާޒުކޮށް ނުރައްކާތެރި ހަމަލަތަކެއް ދިނުމަށް ވެސް ބަޔަކު ވަނީ މަސައްކަތްކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހާ ޑރ. އަފްރާޝީމު ކުރިމަތި ލެއްވީ އެއީ އެ މަނިކުފާނުގެ ހަޔާތުގެ އެންމެ ފަހު ދުވަސްކަން އެނގިވަޑައިގެނެއް ނޫނެވެ. ނަމަވެސް އެ މަނިކުފާނުގެ ފުރާނަ އަށް ފެންބޮވައިގެންފައިވާ އަދާވާތްތެރީން ތިބީ ވަޅި ހަނުލައިގެން އެ މަނިކުފާނުގެ ފުރާނައަށް ފާރަލައިގެންނެވެ.
އާންމުންގެ މޫނުތަކަށް ޑރ. އަފްރާޝީމުގެ ފަހު ފެނިލުމާ އެކު ރޭގަނޑު ގައުމީ ޓީވީން ރައްޔިތުންނަށް ހެޔޮ ނަސޭހަތް ދެއްވުމުމަށް ފަހު ނިކުމެވަޑައިގަތީ ރައްޔިތުންގެ ހިތްހަލާލު ވެސް ހޯއްދަވައިގެންނެވެ. ޓީވީ ޝޯ އަށް ފަހު ލިބިވަޑައިގެންނެވި ހިތްހަމަޖެހުމާ އެކު ގެއަށް ވަޑައިގަތީ އަނބި ކަނބަލުންނާ އެއް ސުފުރާމަތިން ފަރިއްކުޅުވުމުގެ ފޮނި އުއްމީދުގަ އެވެ. ނަމަވެސް ގޭގެ އޮޅި ގިރާކުރެއްވުންވީ މަރުގެ މައްޗަށް ދަމާލި ކަނޑީގެ ކުރިމައްޗަށް ނުކުންނެވުމަށެވެ. އިންސާނިއްޔަތު ކަމެއްނެތް އަނިޔާވެރިންގެ ކަނޑި މައްޗަށް ފުރާނަ ދޫކޮށްލީ މައުސޫމް އާއިލާއެއް ޔަތީމުކުރެއްވުމަށް ފަހު އެވެ. މުސްކުޅި ހާލުގައި ތިބި މައިން ބަފައިން އެކަނި ކުރައްވައިފަ އެވެ.
ދުވަހުގެ އިރު ފެނުން ތޮޅިލީ އަފްރާޝީމްގެ ގާތިލުން ހޯދަން ފުލުހުން ރަށުތެރޭގައި އަތްފުނައި އަޅަނިކޮންނެވެ. އެއްބަޔަކު ކިޔައި އުޅުނީ އެއީ ދީނީ ކަމެއް ކަމަށެވެ. އަނެއްބަޔަކު ކިޔައި އުޅުނީ އެ މަރަކީ ސިޔާސީ މަރެއް ކަމަށެވެ. ރާއްޖެ އިން ބޭރުން ބަޔަކު އައިސް އެ ޖަރީމާ ހިންގުމަށް ފަހު އަވަހަށް ފުރައިގެން ދިޔައީ ކަމަށް ބައެއް ފަރާތްތަކުން ކިޔައި އުޅުނެވެ. ހަގީގަތް އެނގޭ އެކަކު ވެސް ނެތެވެ. ނަމަވެސް އެކަހަލަ ހާލެއްގައި އުޅެނިކޮށް ދެން އަޑުއިވުނީ އެ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހިފައި ހައްޔަރު ކުރި ވާހަކައިގެ އަޑެވެ.
އަފްރާޝީމްގެ މަރަކީ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ފުލުހުން ބުނަމުން ދިޔައިރު އެކަން ދިފާއު ކުރައްވައި ފުލުހުންނާ ދިމާ އިދިކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ކޮޅެއް ފެނުނެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ދައުލަތުން ބަދަލުދިނުމަށް ގޮވައި ހަޅޭއްލެވި މީހުން ވެސް ފެނުނެވެ. އެހާ ހިސާބަށް ދިޔައިރު ވެސް އެހެން ސިޔާސީ ޕާޓީއަކުން ތަހްގީގަށް އުނދުޅި ބާނައި އެކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ދިފާއުގައި ވަކާލާތު ކުރާތަނެއް ނުފެނެ އެވެ. އެންމެންވެސް ތިބީ ތަހްގީގު ރިޕޯޓުގެ އިންތިޒާރުގައި ކެތް މަދުވެފަ އެވެ.
އޭރުވެސް މިހާރުވެސް ވަކި ސިޔާސީ ޕާޓީ އަކުން މިފެންނަނީ ތަފާތު ގޮތަކަށް ބަސްމަގު ގެންގުޅޭ ތަނެވެ. އެ ބޭފުޅުން ވިދާޅު ވަމުން ގެންދެވީ އެ މައްސަލައިގެ ތަހްގީގު އޮތީ ސިޔާސީ ވެފައި ކަމަށެވެ. އަދި އެކަން ވަކި ބައެއްގެ ބޮލުގައި އަޅުވަން މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްވަރަށް އެ މަރާ ބެހޭ މައުލޫމާތު ލިބިހުރި އެހެން މީހަކު ނެތްހެން ހީވާ ވަރަށް ވެސް އެ މަނިކުފާނު ދިޔައީ އެ ވާހަކަ ދައްކަވަމުންނެވެ. އަފްރާޝީމްގެ މަރަކީ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ގައުމެއްގައި ހިނގި ހާދިސާއަކާ ގުޅިފައިވާ އަމަލެއް ކަމުގެ މައުލޫމާތު އެ މަނިކުފާނަށް ދެ ގައުމެއްގެ އިންޓެލިޖެންސް އެޖެންސީ އަކުން ލިބިވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް އެ މަނިކުފާނު އެ ވާހަކަ ދެއްކެވި އެވެ. އަދި ނަޝީދުގެ އަމިއްލަފުޅު ޓުއިޓާ އެކައުންޓްގައި ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ފޮރެންސިކް ހެއްކާ ނުލައި ދައްކާ ވާހަކައަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށެވެ .ނަމަވެސް އެ ވަރުގެ ބޮޑު މަރެއްގެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން ދިޔަ އިރު، ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށް އެ ވިދާޅުވާ އިންޓަލިޖެންސު މައުލޫމާތު ފުލުހުންނާ ހިއްސާ ކުރެއްވުމުގެ ބަދަލުގައި ނަޝީދު މުޅިން ވެސް އެ ވާހަކަތައް ދައްކަވަމުން ގެންދެވީ އެ މަނިކުފާނުގެ ކެމްޕެއިން ދަތުރުތަކުގަ އެވެ.
ނަޝީދަކީ މާދަމާ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކަށްވާ އިރު އަދި ކުރިން ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކަށްވާ އިރު، އެފަދަ ނުރައްކާތެރި ޖަރީމާއަކާ ބެހޭ ގޮތުން އެނގިވަޑައިގަންނަވާ މައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރެއްވުމަކީ އެކަމުގެ ނިޔަތާ ދޭތެރޭ ބަޔަކު ސުވާލު އުފައްދާނެ ކަމެކެވެ.
ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ސިއްރު ކުރިޔަސް ނުވަތަ ކިތަންމެ ވާހަކައެއް ދެއްކިއަސް، ބައިނަލްއަގްވާމީ ފެންވަރުގެ ތަހުގީގަކަށް ފަހު ހާމަވި މައުލޫމާތުގެ އަލީގައި ފެނުނީ އަނެއްކާ ވެސް ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނު ތަނެވެ. އެ މައްސަލައާ ރާއްޖޭގެ ސިޔާސީ މަޝްރަހާ އޮތް ގުޅުން ކުޑަކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ކާމިޔާބެއް ނުވި އެވެ. އެ ރަހުމުކުޑަ ޖަރީމާ ހިންގާފައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުންގެ ތަހުގީގުން ވަނީ ފެންމަތިކޮށްފަ އެވެ. އަފްރާޝީމްގެ ގާތިލުން ކަމަށްބުނެ މިހާތަނަށް ފުލުހުން ދެއްކީ ދެ މީހެކެވެ. އެ ދެ މީހުން ނިސްބަތްވާ ގްރޫޕް ކަމަށް ފުލުހުން ބުނާ ފަރާތާ ދޭތެރޭ ވިސްނާލުމުން ޑރ. އަފްރާޝީމުގެ މަރުގެ ތުހުމަތު ކަފިކަފި ކުރަން ބަޔަކު މަސައްކަތްކޮށްފާނެ ސަބަބުތައް ސާފެވެ.
ނަމަވެސް މުޅި މައްސަލައިގެ ބޮޑު މަންޒަރު ފޮރޮޅިގެން އަންނަ ގޮތް މުޅިން ސާފުވާނީ މިހާރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ޝަރީއަތްކޮށް، ކުށްސާބިތުވާ ބައެއްގެ މައްޗަށް ހުކުމް ކުރުމުންނެވެ.