11 Dec 2012, 10:32
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ޖީއެމްއާރު އުވާލުމަށް ފަހު މިހާރު ކުރިއަށްދާ އިންތިގާލީ މަރުހަލާގައި، އެއާޕޯޓްގެ ކަންތައްތައް ހިނގަމުންދާ ގޮތް ބަލައި ރައީސުލްޖުމްހޫރިއްޔާ އަށް މައުލޫމާތު ދޭނެ ކޮމެޓީއެއް އެކުލައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޓީ އެކުލަވާލީ އިންތިޤާލީ މަރްޙަލާގައި އެއަޕޯޓްގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ޖީއެމްއާރާ އެކު މަޝްވަރާކޮށް، މޯލްޑިވްސް އެއަޕޯޓްސް ކަމްޕެނީ ލިމިޓެޑަށް އެހީތެރިވެދީ ، އެ މަސައްކަތް ހިނގާ ނުހިނގާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލެއްވި އެ ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ޑިފެންސް މިނިސްޓަރު އަދި ވަގުތީ ޓްރާންސްޕޯޓް ހިންގަވާ މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
ނާޒިމުގެ އިތުރުން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދާއި އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙަންމަދާއި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އިބްރާހީމް ފައިޞަލާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކާނަލް މުޙަންމަދު ޒިޔާދާއި ހއ. ދިއްދޫ އިކުލީލުގޭ އަޙްމަދު ޝަފީޤު މުޙަންމަދެވެ.
ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ އެއާޕޯޓް ހަވާލުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.