11 Dec 2012, 10:14
ސ. މަރަދޫ ފޭދޫ އިން ބޮއްކުރައެއްގައި މަހަށް ނިކުމެ އުޅުނު ތިންމީހުންގެ ތެރެއިން އެކަކު ކަނޑަށް ވެއްޓި ރޭ މަރުވެއްޖެ އެވެ.
ކަނޑަށް ވެއްޓި ރޭ މަރުވެފައިވަނީ ސ. މަރަދޫފޭދޫ އާރާމުގެ އުމުރުން 50 އަހަރުގެ އަހުމަދު ރިޔާޒް އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ބޮއްކުރައެއްގައި މަހަށް ނުކުމެ އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ކަނޑަށް ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ 1:00 ޖަހާކަންހާއިރު ކަމަށާއި އަދި އޭނާ ފެނިފައިވަނީ ރޭ 3:00 ގައިކަމަށެވެ. އަދި ވިދާޅުވީ އޭނާ ފެނިފައިވަނީ ޑައިވިން ޓީމްތަކުންކުރި މަސައްކަތުން ކަނޑުގެ އަޑިން ގާތްގަނޑަކަށް 33 މީޓަރުގެ އަޑިން ކަމަށާއި އަދި އޭނާ މޫދުން ނެގުމަށްފަހު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
ފޭދޫ ސިއްހީމަރުކަޒުން ބުނީ އޭނާ ރޭ ސިއްހީ މަރުކަޒަށް ގެނައުމަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ބަދަލުކޮށްފައިވާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހެޑްއޮފް އިނިސްޓިޓިއުޝަން އަބުދުލްﷲ ސައީދު ވިދާޅުވީ ރޭ 4:00 ޖަހާކަންހާއިރު ގެނބިގެން މީހަކު އެހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި ގެނެސްފައިވާއިރުވެސް ވަނީ މަރުވެފައިކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"އޭނާ ގެނައިރުވެސް އޮތީ މަރުވެފަ، އަދި ކީއްވެގެންކަން ބުނާކަށް ނޭންގޭ، ގެނބިގެންކަމަށް ބޮޑަށް ބެލެވެނީ" ސައީދު ވިދާޅުވިއެވެ.