ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ދިރާސާ ކުރަމުން ދިޔަ ސިޔާސީ ޕާޓީ ތަކުގެ ބިލާ މެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް އިސްލާހުތަކާ އެކު އެ ބިލް އިއްޔެ ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލުގެ ފައިނަލް ޑްރާފްޓް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގައި އިއްޔެ ނެގި ވޯޓްގައި އެ ބިލް ފާސްކުރީ މުގައްރިރު ފިޔަވައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވޯޓް ދެއްވައިގެންނެވެ.

މިނިވަން މުައައްސަސާ ތަކުގެ ކޮމެޓީން އިއްޔެ ފާސް ކުރެވުނު ސިާސީ ޕާޓީ ތަކުގެ ބިލް މެދު މަޖިލީހުގައި ހިމެނޭ އެންމެ ބޮޑޫ ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްއިން ތާއިދު ކުރި ނަމަވެސް މަޖިލީހުގައި ދެން ހިމެނޭ ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރްޕީއާއި ގައުމީ ޕާޓީގެ ހިޔާލު ބިލާ މެދު ތަފާތެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރި ސިޔާސީ ޕާޓީ ތަކުގެ ބިލްގައިވާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދޭނީ 5000 މެންބަރުން ހަމަވެގެންނެވެ. އަދި ސިާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ އަދަދު 20،000 އަށް އަރާ ކޮންމެ ޕާޓީއަކަށް މާލޭން 1،000 އަކަފޫޓުގެ ބިމެއް ދިނުމަށް ވެސް ބިލްގައި ފާސް ކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީތައް މިހާރު ހިންގަމުންދަނީ 2005 ވަނަ އަހަރު އެކުލަވާލި ޕާޓީތަކާބަހޭ ގަވާއިދުގެ ދަށުން ނެވެ